މިއަދު ރަސްމީކޮށް ފެށި 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ނޭޕާލަށް ފުރައިފި އެވެ.

އަންހެން ފުޓްބޯޅަ ޓީމު މިއަދު ހަވީރުގެ ވަގުތެއްގައި ނޭޕާލަށް ފުރިއިރު، ގޭމްސްގައި ވާދަކުރުމަށް އެންމެ ފަހުން ފުރި ޓީމަކީ އަންހެން ފުޓްބޯޅަ ޓީމެވެ.

މިފަހަރުގެ ގޭމްސްއަށް ތައްޔާރުވުމަށް އަންހެން ޓީމު ވަނީ ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ކޭމްޕް ކޮށްފައެވެ. އެ ކޭމްޕްގައި ޔޫއޭއީއާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު، އެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވި އެވެ.

މިފަހަރުގެ ގޭމްސްގައި ވާދަކުރާ އަންހެން ޓީމުގެ ހެޑް ކޯޗަކީ އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އިސްމާއީލް އަނިލް އެވެ.

ނޭޕާލަށް ފުރުމުގެ ކުރިން ދިން އިންޓަވިއުއެއްގައި އަންހެން ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މިފަހަރުގެ ގޭމްސްގައި ރާއްޖޭގެ ޓާގެޓަކީ ލޯ މެޑަލް ހޯދުން ކަމަށެވެ. އަދި ޓީމުން ގޭމްސްއަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، ޔޫއޭއީގައި ކުރިއަށްދިޔަ ކޭމްޕްގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނު ކަމަށެވެ.

ގޭމްސްއަށް ފުރި އަންހެން ފުޓްބޯޅަ ޓީމު -- ފޮޓޯ: ފާއިދު / އެފްއޭއެމް

މިފަހަރުގެ ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓް އޮންނާނީ ނޭޕާލުގެ ޕޮކާރާ ސިޓީގަ އެވެ. އަންހެން ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެ އާއި މުބާރާތް ބާއްވާ ނޭޕާލްގެ އިތުރުން ސްރީލަންކާ އާއި އިންޑިއާ އެވެ.

ގޭމްސްގައި އަންހެން ފުޓްބޯޅަ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގައެވެ. އަދި ފައިނަލް މެޗު ކުޅޭނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ. ހަތަރު ގައުމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާނެއެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ މުބާރާތް ބާއްވާ ނޭޕާލާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި މި މަހުގެ ހަތްވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ ދެކޮޅަށެވެ.