ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ދޮންފަނު އިންވިޓޭޝަން ކަޕްގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުން ޗެމްޕިއަންކަން އޭދަފުއްޓާއި ދޮންފަނު އެއްވަރުވެއްޖެ އެވެ.

މިއަހަރުގެ މުބާރާތުގެ ކުޅުން މިއަދު ފެށިއިރު، މި މުބާރާތް މި މަހުގެ 14 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރެއެވެ. އެއީ އޭދަފުއްޓާއި ދޮންފަނުގެ އިތުރުން ކިހާދޫ އާއި ދަރަވަންދުއާއި ގޮއިދުއާއި ކެންދޫ އަދި މާޅޮހެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމެވެ. އެއީ ކިހާދުއާއި ގޮއިދޫ އަދި މާޅޮހެއެވެ. ގްރޫޕް ބީގައި ހަތަރު ޓީމު ހިމެނޭއިރު، އެ ޓީމުތަކަކީ އޭދަފުއްޓާއި ދޮންފަނާއި ދަރަވަންދޫ އަދި ކެންދޫ އެވެ.

އޭދަފުއްޓާއި ދޮންފަނު ބައްދަލުކުރި މެޗުގެ ތެރެއިން ---

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި އެއްވަރުވީ ދޮންފަނާއި ބައްދަލުކޮށް 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އޭދަފުށިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ޖަހައިދިނީ އަލީ ނަސީމް އެވެ. އަދި 43 ވަނަ މިނެޓުގައި އިބްރާހީމް ޝަރީފް ވަނީ އޭފުއްޓަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން މުހައްމަދު އައިމަން ވަނީ ދޮންފަނަށް ފަރަގު ކުޑަކޮށްދީފައެވެ. އޭދަފުށިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ އިބްރާހީމް ޝަރީފެވެ. އެކަމަކު ދޮންފަނުގެ އިބްރާހީމް އިރުޝާމް ވަނީ ދެ ގޯލް ޖަހާ މެޗުން ދޮންފަނަށް ޕޮއިންޓެއް ހޯދައިދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭދަފުއްޓަށް ދެ ގޯލް ޖަހައިދިން އިބްރާހީމް ޝަރީފެވެ.

މުބާރާތުގައި މާދަމާވެސް ކުޅޭބީ ގްރޫޕް ބީގެ މެޗެެއކެވެ. މި މެޗުގައި ބައްދަލުކުރާނީ ދަރަވަންދުއާއި ކެންދޫ އެވެ.