ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ޓީމު އިވެންޓުން ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުޅުނު މެޗުން ބަލިވެ ކަޓައިފިއެވެ.

ބެޑްމިންޓަން އިވެންޓު ކުރިޔަށްދަނީ ނޭޕާލްގެ ޕޮކަހާރާގައެވެ. ޓީމު އިވެންޓުން ބަލިވެ ކަޓާފައިވަނީ ޕާކިސްތާނާއި ވާދަކޮށް ސީދާ ތިން ގޭމުންނެވެ. މި ގޭމްސްގައި މިފަހަރު ރާއްޖެއިން ވާދަކުރަނީ އަންހެން ބެޑްމިންޓަން ޓީމެވެ.

އަންހެން ޓީމު އިވެންޓުގެ ފުރަތަމަ ސިންގަލްސްގައި ރާއްޖޭގެ އައިމިނަތު ނަބީހާ ކުޅުނު މެޗުން ވަނީ ޕާކިސްތާނުގެ ކުޅުންތެރިޔާ މަހޫރު ޝަހުޒާދު އަތުން 21-19، 21-14 އިން ބަލިވެފަ އެވެ. ދެ ވަނަ ސިންގަލްސް މެޗުގައި ރާއްޖޭގެ ނީލާ ނަޖީދު ވަނީ ފޯރިގަދަ މެޗަކަށް ފަހު ޕާކިސްތާނުގެ ޕަލްވަޝާ ބަޝީރު އަތުން 2-1 ސެޓުން ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ސެޓު ނީލާ ގެންދިޔައީ 21-16 އިންނެވެ. އެކަމަކު ނީލާ އަށް ދިމާވި އަނިޔާގެ މައްސަލައިގެ ފައިދާނަގައި ޕަލްވަޝާ ވަނީ ދެން ކުޅުނު ދެ ސެޓު ގެންގޮސް މެޗުން މޮޅުވެފަ އެވެ. ޕަލްވަޝާ ސެޓުތައް ގެންދިޔައީ 21-23 އަދި 17-21 އިންނެވެ.

ތިން ވަނަ ސިންގަލްސްގައި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ ނުކުތީ ގަޒާލާ ސިއްދީގާ ދެކޮޅަށެވެ. އެ މެޗުން ގަޒާލާ ވަނީ 21-15، 21-15 އިން ގެންގޮސް މެޗުން ވެސް މޮޅުވެފަ އެވެ. ރާއްޖެ އަށް ފުރަތަމަ ސިންގަލްސް އިން މޮޅެއް ނުލިބި މެޗު ނިންމާލަން ޖެހުނުއިރު، ހަތަރު ވަނަ މެޗަކަށް އޮތީ ރާއްޖޭން ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެންމެ ގިނަ ކާމިޔާބީ ހޯދާފައިވާ ދެބެންގެ ޕެއާއެއް ކަމަށްވާ ނަބީހާ އާއި ނަބާހާގެ ޕެއާ އެވެ.

މުބާރާތުގެ އަންހެން ބެޑްމިންޓަން އިވެންޓުގައި ދެން ކުރިޔަށްދާނީ އޯޕަން ބައިގެ ކުޅުމެވެ. މި ބައިގެ ގުރުނަގާނީ އެއް ދުވަސްފަހުންނެވެ. ގޭމްސްގެ ޑަބަލްސް ބައިގައި ރާއްޖެއިން ދެ ޕެއާ ވާދަކުރާއިރު ސިންގަލްސް ބައިގައި ދެ ކުޅުންތެރިން ވާދަކުރެއެވެ.

ގޭމްސްގައި ވާދަކުރާ މި ޓީމުގައި ހިމެނެނީ ޖުމްލަ ހަ ކުޅުންތެރިންނެވެ. ގައުމީ އަންހެން ބެޑްމިންޓަން ޓީމްގައި ހިމެނެނީ ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ޕެއާ ކަމަށްވާ ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާ ގެ އިތުރުން ނީލާ ނަޖީބް އާއި މާޝާ ރަޝީދު އަދި އާމިނަތު ޝަހުރުނާޒް މޫސާ އާއި މައިސާ ފަތުހުﷲ އެވެ.