ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރުގެ އީދު ކަމަށްވާ ސައުތު އޭޝިއަން ގޭމްސް ދެހާހަށްވުރެ ގިނަ އެތްލީޓުންނާއެކު ފަށައިފިއެވެ.

ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދާސްރާތް ސްޓޭޑިއަމްގައެވެ. ގޭމްސް ފެށުމުގެ ކުރިން ވޮލީބޯޅަ އާއި ބެޑްމިންޓަން އިވެންޓުތައް ވަނީ ފަށާފައެވެ.

ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނޭޕާލްގެ ރައީސާ ބިދްޔާ ދޭވީ ބަންޑާރީ އެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ސަރަހައްދި ގައުމުތަކުގެ ކުޅިވަރުގެ އެންމެ އިސް ފަރާތްތަކުގެ އިތުރުން ނޭޕާލްގެ ސަރުކާރާއި ކުޅިވަރުގެ އިސްފަރާތްތައް ބައިވެރިވެޑައިގެންނެވި އެވެ.

މިއީ ނޭޕާލުން މި ގޭމްސް ހޯސްޓުކުރާ ތިންވަނަ ފަހަރެވެ. މިފަހަރުގެ ގޭމްސް ކުރިޔަށްދާނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ އިތުރުން ޕޮކަހާރާ އާއި ޖަނަކްޕޫރުގައެވެ. ނޭޕާލަކީ މި ގޭމްސް އެންމެ ފުރަތަމަ ބޭއްވި ގައުމެވެ. އެގޮތުން 1984 ވަނަ އަހަރު ފުރަތަމަ ގޭމްސް ބޭއްވިއިރު ދެވަނަ ގޭމްސް ބާއްވާފައިވަނީ 1999 ގައެވެ.

ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ގިނަ ހަރަކާތްތަކެއް ވަނީ ހުށައަޅައިދީފައެވެ. ޖުމްލަ 8000 އަށްވުރެ ގިނަ މީހުންގެ ހަރަކާތްތައް ހުޅުވުމުގެ ރަސްމިއްޔާތުގައި ފެނުނުއިރު ގޭމްސްގެ ދަންމަރު ރޯކޮށްދީފައިވަނީ ނޭޕާލްގެ އެންމެ ކާމިޔާބު އެތްލީޓު ކަމަށްވާ ޑީޕަކް ބިސްޓާ އެވެ. އޭނާއަކީ ޓައިކޮންޑޯ ގައި ކާމިޔާބު އެތްލީޓެކެވެ.

ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ކޮންޓިންޖެންޓް-- ފޮޓޯ: އަބީދު/ އެމްއޯސީ

ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާދީފައިވަނީ އަންހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ. އޭނާއަށް ދިދަ ހަވާލުކޮށްފައިވަނީ އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގެވެ.

މިފަހަރުގެ ގޭމްސްގައި ރާއްޖެއިން ބައިވެރިވެފައިވަނީ 11 ކުޅިވަރެއްގައެވެ. އެއީ އެތްލެޓިކްސް އާއި ބާސްކެޓްބޯޅައާއި ކްރިކެޓާއި ފުޓުބޯޅައާއި ސްވިމިން އާއި ޝޫޓިން އާއި ޓޭބަލް ޓެނިހާއި ވޮލީބޯޅަ އާއި ބެޑްމިންޓަން އާއި ޝޫޓިން ގެ އިތުރުން ޓެނިސް އެވެ. ގޭމްސް ކުރިޔަށްދާނީ މިމަހުގެ 1 އިން 10 ގެ ނިޔަލަށެވެ.