ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ޑެޕިއުޓީ ޕްރޮސެކިއުޓަރުގެ މަގާމު އަދާކުރެއްވި ދެބޭފުޅަކާއެކު ޖުމުލަ ތިން ބޭފުޅުން ކުރިމަތިލައްވައިފިއެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އާއިޝަތު ބިޝާމް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ހަމަ އެދުވަހު ރައީސް އޮފީހުން ވަނީ ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ. މިއަދު މެންދުރު 2:00 އާ ހަމައަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ޑެޕިއުޓަރ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސައިން ޝަމީމާއި، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މަރްޔަމް ނިހާޔަތެވެ. ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވާ ތިންވަނަ ބޭފުޅަކީ ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތުކުރައްވަމުން ގެންދަވާ ވަކީލު އަހުމަދު ޒަނީނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދީގެނެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާނޫނު ބުނާގޮތުން ޕީޖީގެ މަގާމު ހުސްވާތާ ގިނަވެގެން 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހެއެވެ. އަދި އެ މަގާމު ހުސްކޮށް އޮންނަ މުއްދަތުގައި އެ މަގާމުގެ ޒިންމާތައް އަދާކުރާނީ ޑެޕިިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.

ޕީޖީގެ މަގާމުގައި ހުންނެވި ބިޝާމް މަގާމުން އިސްތިއުފާ ދެއްވީ އޭނަގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް ހިނގަމުން ދަނިކޮށެވެ. މިގޮތުން ބިޝާމް އިސްތިއުފާ ދެއްވިއިރު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އޮތީ ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިސް ދީފައެވެ.