ފްރެޑީ ލިއުންބާގުގެ އިރުޝާދުގެ ދަށުން އާސެނަލުން ކުޅުނު ފުރަތަމަ މެޗު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޯވިޗް ސިޓީއާ 2-2 އިން އެއްވަރުވެއްޖެ އެވެ.

އާސެނަލްގެ ވަގުތީ ކޯޗުގެ މަގާމު އެޓީމުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު އަދީ ކުރީގެ ކުޅުންތެރިޔާ ލިއުންބާގާ ހަވާލުކޮށްފައިވަނީ، އެޓީމުގެ ކޯޗުކަމުން އުނާއީ އެމެރީ މިދިޔަ ހުކުރު ދުވަހު ވަކިކުރުމުންނެވެ.

އެހެންކަމުން ލިއުންބާގްގެ އިރުޝާދުގެ ދަށުން ރޭ އާސެނަލުން ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު، މި މެޗަކީ އެ ޓީމު މޮޅެއް ނުލިބި ޖެހިޖެހިގެން ނިންމާލި އަށްވަނަ މެޗެވެ. އަދި މިއީ 1992 ވަނަ އަހަރުގެ ފަހުން އާސެނަލްގެ އެންމެ ނަތީޖާ ދަށްކޮށް ދާ ދުވަސްވަރެވެ.

ނޯވިޗްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ނޯވިޗަށް މި ގޯލް ޖަހައިދިނީ ޓީމޫ ޕުކީ އެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން އާސެނަލްގެ ކެޕްޓަން ޕިއެރޭ-އެމެރިކް އޮބަމަޔަންގް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އޭގެ ފަހުން އާސެނަލުން މެޗުގައި ކުޅުން ރަނގަޅުކުރި ނަމަވެސް، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ނޯވިޗުން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓޮޑް ކޭންޓްވެލް އެވެ. މި މެޗުން އާސެނަލަށް ޕޮއިންޓެއް ލިބުނީ ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި އޮބަމަޔަންގް ކާމިޔާބުކޮށްދިން ގޯލުންނެވެ.

ރޭގެ މެޗުން އާސެނަލަށް ޕޮއިންޓެއް ލިބުނުއިރު، ލީގުގައި އެޓީމު އޮތީ ތާވަލުގެ އަށްވަނައިގައި 19 ޕޮއިންޓާއެކު އެވެ. އަދި ނޯވިޗް އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 11 ޕޮއިންޓާއެކު އެވެ.

ލެސްޓާ އާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން --

މީގެ އިތުރުން ލީގުގައި ރޭ ލެސްޓާ ސިޓީން ވަނީ ފަހަތުންއަރާ 2-1 އިން އެވަޓަން ބަލިކޮށް، އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ފަރަގު 8 ޕޮއިންޓަށް ކުޑަކޮށްފައެވެ.

ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 40 ޕޮއިންޓާއެކު އެވެ. ރޭގެ މޮޅާއެކު ލެސްޓާ ވަނީ 32 ޕޮއިންޓު ހަމަކޮށް ދެވަނައަށް ޖެހިލާފައެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.

ލެސްޓާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ އެވަޓަނުންނެވެ. މެޗުގެ 23 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ޖަހައިދިނީ ރިޗާލިސަން އެވެ.

މި މެޗުގައި ލެސްޓާއިން ނަތީޖާ އެއްވަރުކުރީ 68 ވަނަ މިނެޓުގައި ޖެމީ ވާޑީ ކާމިޔާބުކޮށްދިން ގޯލުންނެވެ. އަދި މެޗުން އެޓީމު މޮޅުވީ އިތުރު ވަގުތުގައި ކެލެޗީ އިހެނާޗޯ ޖަހައިދިން ގޯލުންނެވެ.