ފަހުވަގުތު ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ގޯލާއެކު އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް، ސްޕެނިޝް ލީގުގެ އެއްވަނައަށް ބާސެލޯނާ އަލުން އަރައިފި އެވެ.

ރޭގެ މޮޅާއެކު ބާސާ ތާވަލުގެ އެއްވަނައަށް ޖެހިލީ ކުޅުނު 14 މެޗުން 31 ޕޮއިންޓު ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށްވެސް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ބާސާއަށް ކުރިލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން ޕޮއިންޓެއް ހޯދި އެތުލެޓިކޯ މެޑްރިޑް އޮތީ ތާވަލުގެ ހަވަނައިގައި 15 މެޗުން 25 ޕޮއިންޓު ލިބިގެންނެވެ.

އެތުލެޓިކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން މި ހާފުގައި އެތުލެޓިކޯއިން ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްްޓޭގަން ވަނީ މުހިންމު ސޭވުތަކެއް ކޮށްފައެވެ. އެގޮތުން އެތުލެޓިކޯގެ މާރިއޯ ހާމޯސޯ އާއި އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުގައި ބާސާއިން ކުޅުން ރަނގަޅުކުރި ނަމަވެސް، އެޓީމަށް އެތުލެޓިކޯގެ ގޯލާ އަމާޒުކޮށް މާގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. އެކަމަކު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ލުއިސް ސުއަރޭޒްގެ އެހީއާއެކު މެސީ ވަނީ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ޖަހާފައެވެ. މިއީ މި ސީޒަނުގެ ސްޕެނިޝް ލީގުގައި މެސީ ކުޅެދިން ނުވަނަ މެޗުގައި ޖެހި ނުވަވަނަ ގޯލެވެ.

ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ އަތުން ބާސާ މުހިންމު މޮޅެއް ހޯދިއިރު، ލީގުގައި ދެން އެޓީމުން ބައްދަލުކުރާނީ މަޔޯކާއާ އެވެ. އެ މެޗު ކުޅޭނީ މި މަހުގެ އަށްވަނަ ދުވަހުއެވެ.