ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓަރ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު، ހ. ހިޔާމަން އަލްއުސްތާޛް ހުސައިން ޝަމީމް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ސާލިހް މިކަން ހާމަކުރެއްވީ، އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް ތިން ބޭފުޅަކު އިޖާބަ ދެއްވާފައި ވެއެވެ.

އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ އަލްއުސްތާޛް ހުސައިން ޝަމީމްގެ އިތުރުން، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ސިވިލް ކޯޓުގެ ކުރީގެ ގާޟީ މަރްޔަމް ނިހާޔަތާއި، ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތުކުރައްވަމުން ގެންދަވާ ވަކީލު އަހުމަދު ޒަނީނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ރުހުންދީގެނެވެ. އެހެންކަމުން، އެ މަގާމަށް ރައީސް ހުށަހަޅުއްވާފައި މިވަނީ ހުސައިން ޝަމީމްގެ ނަންފުޅު އެކަންޏެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ފޮނުއްވި ސިޓީ މަޖިލީހުގައި އިއްވުމަށްފަހު މަޖިލީހުގެ ރައީސްވަނީ، މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ޝަމީމްގެ ނަންފުޅު ފޮނުވިއްޖެކަން އިޢްލާން ކުރައްވާފައެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އާއިޝަތު ބިޝާމް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

ބިޝާމް އިސްތިއުފާ ދެއްވީ އޭނަގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަގާމުން ވަކިކުރުމުގެ އިޖުރާއަތްތައް ހިނގަމުން ދަނިކޮށެވެ. އެގޮތުން މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އޮތީ ޖަވާބުދާރީވުމަށް ބިޟާމަށް 14 ދުވަހުގެ ނޯޓިސް ދީފައެވެ.