ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައި، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް މާފަރަށް ފަށައިފިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް އާދީއއްތަ ދުވަހު ހުޅުވާފައިވާއިރު، އެއާާޕޯޓް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމާ ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއެވެ.

މާފަރު އިންޓަނޭޝަނަލް އެއާާޕޯޓަކީ އަބޫދާބީ ފަންޑުން ހިލޭ އެހީގެގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން ހަދާފައިވާ އެއާޕޯޓެކެވެ. މިއެއާޕޯޓަކީ އެތެރޭގެ ދަތުރުތަކާއި، ބައިނަލްއަގުވާމީ ދަތުރުތައްވެސް ކުރެވޭނެ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓަކަށް ވާއިރު، ބޮޑެތި މަތިންދާބޯޓު ކަމަށްވާ އޭ320 އާއި ބޮއިން 737 މަރުކާގެ ދަތުރުތައް މާފަރު އެއާޕޯޓަށް ކުރުމަށް ވަނީ ނިންމާފައެވެ.

އެތެރޭގެ ދަތުރުތަކަށް ބަލާއިރު، ކޮންމެ ދުވަހަކު މޯލްޑިވިއަންގެ ތިންދަތުރު މާފަރަށް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައްވެސް ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

މާފަރުގައި އެއާޕޯޓެއް ބިނާކުރުމަށް އެންމެ ފުަރަތަމަ ނިންމާފައިވަނީ 2007 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައެވެ. އެހެން ނަމަވެސް އޭރު މިމަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ވަނިކޮށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ. އެއަށްފަހު މި އެއާޕޯޓުގެ ހިދުމަތްތައް ފެށޭގޮތް ވެފައިމިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.

މި އެއާޕޯޓަށް މާފަރު ރައްޔިތުން ދިގު އިންތިޒާރެއް ކޮށްފައިވެއެވެ. މާފަރަކީ އާންމު ހިދުމަތްތައް މިހާރު އެރަށުގައި ދިރިއުޅޭ 600 އެއްހާ މީހުންނަށް ދެވެންޖެހޭ އެންމެ ފުރިހަމައަށް ފޯރުކޮށްދެވިފައި ނުވާ ރަށަކަށްވުމާއެކު މާފަރު ރައްޔިތުންގެންދަނީ ތަރައްގީކުރެވުނު މިބައިނަލްއަގުވާމީ ވައިގެ ބަނދަރާއެކު މާފަރުވެސް އެތައް ގޮތަކުން ތަރައްގީވެގެންދާނެ ކަމަށް އުންމީދުކުރަމުންނެވެ.