ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގެ ފުޓުބޯޅަ ޝެޑިއުލަށް ބަދަލު ގެނައުމުން އޭގެ ގެއްލުން ލިބޭނީ ކުޅުންތެރިންނަށް ކަމަށާއި މިއީ ބަލައިގަނެވޭނެ ބަދަލެއް ނޫންކަމަށް ޤައުމީ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

ކުރިން ގްރޫޕް ސްޓޭޖުތަކަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވީ ނަމަވެސް އިންޑިއާ ވަކިވުމާއި ގުޅިގެން މުބާރާތުގެ ފޯމެޓު ވަނީ ލީގު އުސޫލަށް ބަދަލުކޮށްފައެވެ. އާ އުސޫލުގެ ދަށުން ކޮންމެ 24 ގަޑިއިރަކުން އެއް މެޗު ރާއްޖެ ކުޅެން ޖެހެއެވެ. އަރާމުކުރަން ލިބެނީ އެއް ދުވަހެވެ. ފައިނަލަށް ދާނީ ލީގު އުސޫލުން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

ގޭމްސްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަން ޖެހެނީ ސްރީލަންކާއާއެވެ. މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެގާޓް ބުނީ އިންޑިއާ ވަކިވުމަކީ އޭގެ ގެއްލުން އެހެން ޓީމުތަކަށް ކުރަންޖެހޭ ކަމެއް ނޫންކަމަށާއި އެއްވެސް ޓީމަކާއި ދެމެދު ތަފާތުކުރުން ގެންގުޅެން ނުވާނެކަމަށެވެ. އަދި އިންތިޒާމުކުރާ ފަރާތްތަކުންވެސް ފީފާގެ އުސޫލުތަކާއި ހަމަތައް ހިފެހެއްޓުމަށް ސެގާޓް ވަނީ ގޮވާލާފައެވެ.

ސެގާޓް ވަނީ މުބާރާތުގެ އިންތިޒާމުތަކަށްވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް ރާއްޖެއިން ފާޑުކީ ނަމަވެސް ލަންކާ ފިޔަވާ އެހެން އެއްވެސް ޓީމެއް މި ޝެޑިއުލްއާއި މެދު އެއްވެސް މައްސަލައެއް ނެތެވެ.

ސެގާޓް ބުނީ މިއީ ކުޅުންތެރިން ހަލާކުވާނެފަދަ ގޮތަކަށް ނެރެފައިވާ ޝެޑިއުލެއް ކަމަށާއި މި ގޮތަށް އޮއްވައި ކުރިއަށްދިއުމާ މެދު އެންމެ ފަހުގެ ގޮތެއް ނިންމާނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާ އަދިވެސް އެއް ފަހަރު ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.

ސެގާޓް ވަނީ އަންހެން ވޮލީބޯޅައިގެ ޝެޑިއުލް ބަދަލުކުރި ގޮތަށް ފުޓުބޯޅަ ޝެޑިއުލް ބަދަލުނުކުރުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އައި އެއީ ނުވާންވީ ގޮތެއް ނޫން ކަމަށާއި އިންޑިއާ ވަކިވުމުން ވަކިގޮތެއް ނިންމައިގެން ނުވާނެ ކަމަށް ކޯޗު ބުންޏެވެ.

ލީގު އުސޫލަށް ޝެޑިއުލް ބަދަލުކުރުމާއި އެކު މިއަދު ލަންކާއާ ދެކޮޅަށް ކުޅުމަށް ފަހު ދެ ވަނަ މެޗުގައި މާދަމާ ބަންގްލަދޭޝްއާ ބައްދަލުކުރާނެ އެވެ. ތިން ވަނަ މެޗުގައި ބުރާސްފަތި ދުވަހު ބޫޓާނާއި ކުޅުމަށް ފަހު ހުކުރު ދުވަހު ލީގު ބުރުގެ ފަހު މެޗުގައި ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ލަންކާގެ ކޯޗު ޕަކީރް އަލީ ބުނީ ފެއާޕްލޭ އުސޫލަށް ބަލާއިރު މިއީ ބަލައިގަނެވޭނެ ގޮތެއް ނޫންކަމަށެވެ. އަދި އިންޑިއާ ވަކިވުމަކީ އޭގެ އަދަބު އެހެން ޓީމުތަކަށް ލިބެންޖެހޭ ކަމެއް ނޫންކަމަށެވެ.

ރާއްޖެ އާއި ލަންކާ ކުޅެން އޮތް މެޗު ފަށާނީ ރާއްޖެ ގަޑިން 16:15 ގައި ފަށާނެ އެވެ.