ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެފައިވާކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއިން ކަށަވަރު ކޮށްދީފިއެވެ.

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، މަރުކަޒު ''ގޮއްވާލާނެ" ކަމުގެ އިންޒާރުދިން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 18 ނޮވެމްބަރު 2019 ވީ ހޯމަ ދުވަހުގެރޭ، 21:00 ހާއިރު ބަންޑާރަކޮށީގެ މައި ގޭޓުން ވޭނެއް ވަނުމާއެކު ހުއްޓުވާފައިވާ ކަމަށެވެ. އެ ވޭން ހުއްޓުވައި ޗެކު ކުރިއިރު ވޭން ދުއްވަންއިނީ ބިދޭސީ ޑްރައިވަރެއް ކަމަށާއި، އެ ވޭނުގައި އިތުރު މީހަކު ނެތްކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ވޭން ދުއްވަން އިން ޑްރައިވަރު ސިފައިންގެ މައި މަރުކަޒު "ގޮއްވާލާނެ" ކަމަށް އިންޒާރު ދިންކަމަށް ބުނެ ބައެއް މީޑިއާތަކުން ކޮށްފައިވާ ރިޕޯޓާމެދު އެމްއެންޑީއެފްގެ ބަޔާނުގައި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ތަޙުޤީޤް ކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ސިފައިންނާ ގުޅިގެން މިމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުންވެސް މިއަދުވަނީ ބުނެފައެވެ. ފުލުހުން ބުނެފައިވަނީ، ވޭނެއްގައި ސިފައިންގެ މައި މަރުކަޒު ތެރެއަށްވަނީ އުމުރުން 32 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށެވެ.

"ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، މަރުކަޒު ''ގޮއްވާލާނެ" ކަމުގެ އިންޒާރުދިން ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރާ ގުޅޭ ގޮތުން ދަންނަވަމެވެ. 18 ނޮވެމްބަރު 2019 ވީ ހޯމަ ދުވަހުގެރޭ، 21:00 ހާއިރު ބަންޑާރަކޮށި މައި ގޭޓުން ރަޖިސްޓްރީ ނަންބަރުގައި "ސީ ----" ބޯޑު ޖަހާފައިވާ ވޭންއެއް ވަނުމާއެކު ވަނީ ހުއްޓުވާފައެވެ. މި ވޭން ހުއްޓުވައި ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ ޑްރައިވަރެކެވެ. މި ވޭންގައި އިތުރު މީހަކު ނެތެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން ދަނީ އިތުރަށް ތަޙުޤީޤް ކުރަމުންނެވެ. މިއަދުގެ މާހައުލުން އެއްވެސް ގޮތަކަށް ޝައްކުކުރެވޭފަދަ އެއްވެސް ބާވަތެއްގެ ކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެކަމުގައިވާނަމަ، މިކަން ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް އެންގުމަށް މި ފުރުޞަތުގައި ހުރިހާ ރައްޔިތުންނަށް ހަނދުމަކޮށް އަރުވަމެވެ."
އެމްއެންޑީއެފް

ބަންޑާރަ ކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، އެތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން ޚަބަރު އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ އޮންލައިން ނޫސް "ސަން" އިންނެވެ.

ނަން ހާމަކޮށްފައިނުވާ މަސްދަރަކާ ހަވާލާދި އެނޫހުން ބުނެފައިވަނީ، ބިދޭސީމީހާ ދުއްވި ވޭން ބަންޑާރަ ކޮށީގެ ގޭޓުން އެތެރެއަށްވަނީ، ސިފައިންގެ ވެހިކަލެއް ގޭޓުން އެތެރެއަށް ވަންނަންދިޔަ ވަގުތު އެ ވެހިކަލް ފަހަތުންގޮހެވެ. ގޭޓުން ވަނުމުގެ ކްލިއަރެންސް އެ ވޭނަށް ލިބުނީ އެއީވެސް ސިފައިންގެ ވެހިކަލެއް ކަމަށް ބަންޑާރަކޮށީ ގޭޓުގައި ޑިއުޓީއަށްތިބި އޮފިސަރުންނަށް ހީވުމުން ކަމަށް ބުނެފައި ވެއެވެ.

ސިފައިންގެ މައި މަރުކަޒުގެ ގޭޓުން އެތެރެއަށް ވަން ވޭނުގެ ޑްރައިވަރާ ސިފައިން ސުވާލުކުރުމުން އޭނާ ސިފައިންނަށް ހަމަލާދިން ކަމަށް "ސަން" އިން ރިޕޯޓްކޮށްފައި ވީނަމަވެސް، އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚަބަރު ލިބޭގޮތުގައި، މިހާދިސާއާ ގުޅިގެން ސިފައިންގެ މައި މަރުކަޒު މިހާރުއޮތީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.