ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސް ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގައި ސްރީލަންކާ އަތުން ސީދާ ތިން ގޭމުން ރާއްޖޭގެ ޓީޓީ ޓީމު ބަލިވެއްޖެއެވެ.
؛ލަންކާއާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އަތުން ލަންކާގެ ކުޅުންތެރިޔާ މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތަށް ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 11-8، 11-9 އަދި 11-8 އިންނެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް އެވެ. މި މެޗު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ 7-11 އިންނެވެ. ނަމަވެސް ދެވަނަ ސެޓު ޝައްފާން ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓު އޭނާ ކާމިޔާބުކުރީ 15-13 އިންނެވެ. ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކުގައެވެ. މި ސެޓު ލަންކާ ކާމިޔާބުކުރީ 7-11، 6-11 އިންނެވެ.
ތިންވަނަ މެޗުގައި ކުޅުނީ މުހައްމަދު ޒީސްތު ނަސީމެވެ. ސީދާ ތިން ސެޓުން ލަންކާ ކުުޅުންތެރިޔާ ވަނީ ޒީސްތުގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގެ ސެޓުތައް ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 11-4، 11-8 އަދި 11-8 އިންނެވެ.
ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު އަންގާރަ ދުވަހު ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ދެކޮޅަށެވެ.
ގޭމްސްގެ އަންހެން ޓީޓީ އިވެންޓުތައް ކުރިޔަށް އެބައޮތެވެ. ގޭމްސްގައި ވާދަކުރާ އަންހެން ޓީޓީ ޓީމުގައި ހިމެނެނީ ނިމިދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރަންވަނަ ހޯދި ކުޅުންތެރިންނެވެ.