ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނީ ޑޮމެސްޓިކް މެރިޓައިމް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ރާއްޖޭގައި ގާއިމްކުރުމުގެ މަސައްކަތް ކަމަށް ޕްލޭނިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތައް ފެށުމުގެ ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވެފައި ދާން ބޭނުންވާ ކޮންމެ މަންޒިލަކަށް ދަތުރުކުރުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއާޕޯޓެއް ގާއިމްކުރުމަކީ ވާނެ ކަމެއް ނޫން ކަމުގައެވެ. އެހެންކަމުން ރާއްޖެއަށް ދެމެހެއްޓެނިވި ޕަބްލިކް ޓްރާނސްޕޮޓުގެ ނިޒާމެއް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން މިނިޒާމު ރާއްޖެއަށް ގެނެސްދެވެން އޮތީ ޑޮމެސްޓިކް މެރިޓައިމް ނިޒާމެއްގެ ތެރެއިން ކަމުގައި މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. އަދި މިމަސައްކަތް ފެށުމާއެކު ފަސޭހަކަމާއެކު ތާވަލެއް ކަނޑައަޅައި ދެމެހެއްޓެނިވި ގޮތެއްގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކުރިއަށް ގެންދާނަން. އޭރުން އެއާޕޯޓުން ފުރައިގެން ދެން ޖެހިގެން އޮންނަ ރަށް ރަށަށް އަޅުގަނޑުމެންނަށް ފަސޭހަކަމާއެކީގަ ވަކި ޝެޑިއުލްއަކަށް، ވަކި ގޮތަކަށް ތާވަލްކުރެވިފައި އޮންނަ، ވަކި ފެންވަރަކަށް ދަތުރުކުރެވޭ އުޅަނދެއްގައި ދަތުރުކުރެވެން އަންނަނީ"
މިނސިްޓަރ އަސްލަމް

މިނިސްޓަރ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިޒާމުގެ ދަށުން ކަނޑުދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ސަރުކާރު ނިމުމާއެކު މި މަސައްކަތަށް ހުއްޓުމެއް އައީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގެއިތުރުން ސަރުކާރުގެ ސިޔާސަތަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ކަނޑު ދަތުރުކޮށްފައި 20 މިނެޓުން އެއާޕޯޓަކަށް ދެވޭ ދުރުމިނުގައި އެއާޕޯޓް ތަރައްގީކުރުންކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު އެއާޕޯޓުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންގެންދާ ކަމަށެވެ.

"އެގޮތުން މިހާރު މަސައްކަތް ކުރިއަށްދާ އެއާޕޯޓުތަކުގެ އިތުރުން އަދި ހައެއްކަ އެއާޕޮޓް އަޅަންޖެހޭ. އަޅުގަނޑުމެންގެ އުންމީދަކީ މިއަދު މިއޮތް ސަރުކާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މި ދެންނެވި އެއާޕޯޓުތައް ރާއްޖޭގައި އަޅާ ނިންމުން. މިހާރުވެސް ވަރަށް ގިނަ ތަންތަނުގައި މަސައްކަތް ކުރަމުން އެބަ ގެންދޭ. އަޅުގަނޑުމެންނަށް އިތުރަށް އެއާޕޯޓް އަޅަންޖެހެ ތަންތަން ވަނީ ފާހަގަކުރެވިފަ"
މިނިސްޓަރ އަސްލަމް

މިފަދައިން ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި އެއާޕޯޓް ތަރައްގީކުރެވުމާއެކު އެ ސަރަހައްދުތަަކަށް ބޮޑު ތަރައްގީއެއް އަންނާނެއެވެ. އަދި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ދިރިއުޅުމުގެ ފެންވަރު އެތައް ގުނައަކުން މަތިވެގެންދާނެއެވެ. އަދި އެއާޕޯޓަކާއެކު ރަށަށް އުމްރާނީ ތަރައްގީވެސް ގެނުވާނެކަމީ ކޮންމެ މީހަކުވެސް ގަބުލުކުރާނެ ކަމެކެވެ.