ފުޅާ ދާއިރާއެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންގެންދާ މަސައްކަތުގެ ދަށުން، ތުރުކީގެ ނޫސްވެރިން ހިމެނޭ ޓީމެއް އާދީއްތަ ދުވަހު ރާއްޖެ ގެނެސްފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، ތުރުކީގެ ނޫސްވެރިންގެ ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރުގެ ނިޔަލަށް ކަމަށެވެ.

މިޓީމް ރާއްޖޭގައި މަޑުކުރުމަށް ހަމަޖައްސާފައިވަނީ ކުރަމަތި މޯލްޑިވްސް، ކުރުނބާ މޯލްޑިވްސް އަދި މިރިހި އައިލެންޑް ރިސޯޓުގައެވެ.

އެމްއެމްޕީއާރުސީން ބުނީ ތުރުކީން އައި މީޑިއާ ޓީމުގައި ހިމެނެނީ ސަބާ ނޫސް، ޑެއިލީ ސަބާ، އޮލްޑަސިން އަދި އެޓްލަސް މެގަޒިންގެ ނޫސްވެރިން ކަމުގައެވެ.

މި ދަތުރުގައި ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އިތުރުން ހަނީމޫންއާއި، އިކޯ ޓުއަރިޒަމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާތައް މިޓީމަށް ދައްކާލުމަށް ވަނީ ނިންމާފައެވެ.

އެމްއެމްޕީއަރުސީން ބުނީ މިޓީމުން ރާއްޖޭގައި ކުރާ ތަޖުރިބާގެ މައްޗަށް އެކުލެވޭ ލިޔުންތައް މީޑިއާގައި ޝާއިއުކުރުމަށް ނިންމާފައިވާ ކަަމަށެވެ. އަދި އެޓްލަސް މެގަޒިންގެ ފަރާތުން ރާއްޖެއާ ގުޅޭގޮތުން 16-12 ސޮފްހާގެ ރިޕޯޓެއް ނެރެން ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 1،393،619 (އެއްމިލިއަން ތިންލައްކަ ނުވަދިހަތިންހާސް ހަސަތޭކަނަވާރަ) ފަތުރުވެރިން ރައްޖެއަށް ޒިޔާރަތްކޮށްފައި ވާއިރު، ތުރުކީން އެކަނިވެސް 8،059 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް އާންމުކޮށް ދަތުރުކުރާ ބޮޑެތި މާކެޓުތަކުގެ އިތުރުން ތުރުކީކަހަލަ ކުދި މާކެޓުތަކުގައިވެސް އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ.

އެގޮތުން މިއަހަރުގެ ތެރޭގައިވެސް އެމްއެމްޕީއާރުސީން ވަނީ ތުރުކީގައި ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ރާއްޖެއިން ވަނީ ތުރުކީގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއާކަމުގައިވާ އެމިޓްސްގައިވެސް ބައިވެރިވެފައެވެ. މީގެއިތުރުން ނޮވެމްބަރު މަހު ތުރުކީން އިންފްލުއެންސަރުންގެ ޓީމެއްވެސް ރާއްޖެ ގެނެސްފައިވެއެވެ.