ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް (ޓީޓީ) އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ އިންޑިއާ އަތުން ބަލިވެއްޖެ އެވެ.

އިންޑިއާއަކީ މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޓީމެކެވެ. އިންޑިއާ އަތުން ބަލިވި ނަމަވެސް ދިވެޖި ޓީމުގެ މައިގަނޑު ފޯކަސް އޮތީ މާދަމާ ޕާކިސްތާން އަތުން މޮޅުވެ ސެމީފައިނަލުން ޖާގަ ހޯދުމެވެ.

ކަތުމަންޑޫގެ ލޭންޗޯރު އިންޑޯ ހޯލުގައި ކުރިއަށްދާ ޓީޓީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމު މިއަދު އިންޑިއާ އަތުން ބަލިވީ 3-0 އިންނެވެ. މިއަދުގެ މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނުކުތީ ކޮމަންވެލްތް ގޭމްސްގައި މެޑަލް ހޯދި އިންޑިއާ ޓީމުގައި ހިމެނޭ ސުތީރުތާ މުކަރުޖީއާ ދެކޮޅަށެވެ. އެ މެޗުން ސުތީރުތާ މޮޅުވީ 3-0 ސެޓުންނެވެ. ސުތީރުތާ ސެޓުތައް ގެންދިޔައީ 11-04، 11-03 އަދި 11-08 އިންނެވެ.

ދެ ވަނަ ގޭމްގައި ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ ބައްދަލުކުރީ އިންޑިއާގެ ކްރިތުވިކާ ސިންހާއާ ދެކޮޅަށެވެ. ކްރިތްވިކާގެ މޮޅަށް ކުޅުނުއިރު އޭނާ މޮޅުވީ 3-0 އިންނެވެ. ދީމާގެ މައްޗަށް އިންޑިއާގެ ޗެމްޕިއަނެއް ކަަމަށްވާ ކްރިތުވިކާ ސެޓުތައް ގެންދިޔައީ 11-06، 11-02 އަދި 11-02 އިނެވެ. ތިން ވަނަ މެޗުގައި ރާއްޖޭގެ ލައިސާ ފަތުހުﷲ ކުޅުނީ އިންޑިއާގެ މަދުރިކާ ޕަޓްކާރާ ދެކޮޅަށެވެ. މަދުރިކާ ސެޓުތައް ގެންދިޔައީ 11-04، 11-05 އަދި 11-03 އިންނެވެ.

ޓީމު އިވެންޓުގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން ރާއްޖޭގެ ދީމާ --- ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ

މެޗަށްފަހު ރާއްޖޭގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ ގޭމްސް އަށް އައިއިރު ވެސް މި ލެވެލްގައި ކުޅޭ ހުރިހާ ޓީމެއް ވަރަށް ވަރުގަދަވާނެކަން އެނގޭ ކަމަށާއި އިންޑިއާ އަކީ އެހެން ލެވަލެއްކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ޓީމުގެ އެންމެ ބޮޑު އަމާޒަކީ މާދަމާ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު ކަމަށް ބުންޏެވެ.

ތިން ޓީމު ވާދަކުރާ މި ގްރޫޕްގައި އިންޑިއާ ވަނީ މިއަދު ޕާކިސްތާން ބަލިކޮށްފަ އެވެ. ޝިއުރީ ބުނީ ޕާކިސްތާނުން އެ މެޗުގައި ވެސް އެ މީހުންގެ ލެވަލުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި އެ މެޗުގައި ޕާކިސްތާނުން ކުޅުނު ކުޅުން ވީޑިއޯކޮށް މާދަމާގެ މެޗަށް ތައްޔާރުވާން ފުރިހަމަ އަށް ބޭނުންހިފާނެ ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ ދާދި ފަހުން ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލެއް ހޯދައިފަ އެވެ. ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގެ ޓީމު އިވެންޓަކުން ރާއްޖެ އަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.