ގައުމީ ފުޓްބޯޅަ ޓީމުތަކަށް ލަފާދިނުމުގެ ގޮތުން އެކުލަވާލި ފަސް މެމްބަރުގެ ކޮމެޓީ ކަމަށްވާ ގައުމީ ފުޓްބޯޅަ ޓީމު ކޮމިޓީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އުވާލައިފި އެވެ.

ގައުމީ ޓީމުގެ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލާފައިވަނީ ސެޕްޓްމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ ކޮމިޓީ އެކުލަވާލީ ކުޅިވަރާ ބެހޭ ވަޒިރު އަހުމަދު މަހުލޫފް އާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދު ހިމަނައިގެންނެވެ. އެކަމަކު ކޮމިޓީގެ މެންބަރުކަން ގާބޫލު ކުރެއްވުމުން ކުރިމަތިވި ފާޑު ކިޔުންތަކާ ހެދި އެކޮމެޓީން ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިސްތިއުފާދީފައެވެ. އަދި އޭގެ ފަހުން އޮކްޓޯބަރު މަހުގެ މެދުތެރޭގައި ވަނީ ކޮމިޓީގެ ޗެއާމަނަކަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަލީ ވަހީދު ހަމަޖައްސާ، ކޮމިޓީގެ މަސައްކަތްތައް ފަށާފައެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގައުމީ ޓީމު ކޮމިޓީ އުވާލީ ދެން މިއަހަރުގައި ރާއްޖޭގެ އެއްވެސް އުމުރުފުރައެއްގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ނެތުމުގެ ސަބަބުން ކަމަށެވެ. އަދި މި ބަޔާނުގައި ވަނީ ކޮމިޓީގެ މެމްބަރުންނަށާއި އަދި ހާއްސަކޮށް ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ދިވެހި ފުޓްބޯޅައަށް ކޮށްދެއްވި މިންނެތް މަސައްކަތަށް އެފްއޭއެމްގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

ގައުމީ ޓީމު ކޮމިޓީ މިއަދު އުވާލިއިރު، ރާއްޖޭގެ ފުޓްބޯޅައިގެ ކުރު މުސްތަގުބަލުގެ ތެރޭގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކާއި ދުރުރާސްތާ އަކަށް ބަލައިގެން ކަންތައްތައް ހާސިލްކުރަން ކުރާ މަސައްކަތްތަކުގެ މައްޗަށް އެކުލަވާލާ ޕްލޭން އަންނަ ޖެނުއަރީ މަހު އިއުލާން ކުރާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޮމިޓީގެ ޗެއާމަން އަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމަށް ލަފާދިނުމަށް އެކުލަވާލި ކޮމިޓީ އެކުލަވާލި ފަހުން، ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު މެޗުތައް ޕްރޮމޯޓުކުރުމަށް ކުރުމަށް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ކޮމިޓީގައި ހިމެނުނީ އަލީ ވަހީދުގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަދި އޮލިމްޕިކް ކޮމިޓީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު މޫސާ ނާޝިދެވެ.