ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތް ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ބެހިގެންވަނީ އަހަރަކު ތިން ދައުރުގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ދައުރަކީ ފެބްރުއަރީން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެވަނަ ދައުރު ގުނަނީ ޖޫން މަހުން ފެށިގެން އޮގަސްޓުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރަކީ އޮކްޓޫބަރުން ނޮވެމްބަރުގެ ނިޔަލަށެވެ. ޑިސެމްބަރު މަހާއި ޖެނުއަރީ މަހަކީ އާންމުކޮށް އަހަރުގެ މަސައްކަތް ނިންމައި މަޖިލީހުގެ މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވާ މުއްދަތެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިމަހުގެ 7 ވާ ހޮނިހިރު ދުވަހާ ހަމައަށް މަޖިލީހުގެ ދައުރު ދަންމާލަން ޖެހޭ ކަމަށެވެ. ކުރިން ނިންމާފައި އޮތީ މިހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މިދައުރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މަޖިލީހުގެ މިދައުރުގެ މަސައްކަތް ޑިސެމްބަރު 7 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނެގި ވޯޓުގައި އެގޮތަށް ފާސްވީ 61 މެންބަރުންގެ ވޯޓުންނެވެ. މިގޮތަށް ފާސްވުމާއެކު މަޖިލީހުގެ ރައީސް ވަނީ މިއަހަރުގެ ފަހު ދައުރު ޑިސެމްބަރު 7 އާ ހަމައަށް ދެމިގެންދާނެކަން އިއުލާންކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މުއްދަތު އިތުރުކޮށް މެންބަރުން ޗުއްޓީއަށް ވަޑައިގަތުން ފަސްކޮށްފައި މިވަނީ މިދައުރުގައި ކުރަންހުރި ކަންކަން ނުނިމޭތީއެވެ. މިގޮތުން ނުނިމިހުރި މުހިންމު ކަންކަމުގެ ތެރޭގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި އިންކަމް ޓެކްސްގެ ބިލު ފާހަގަކުރެވެއެވެ. އަންނަ އަހަރަށް ސަރުކާރުން ހުށަހެޅީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެވެ. ބަޖެޓުގެ ޖުމުލަ އަދަދު 37.8 ބިލިއަނަށް އިތުރުކޮށް ކޮމިޓީން ބަޖެޓުގެ މަސައްކަތް ނިންމާލާފައި ވީނަމަވެސް ތަޅުމަކަށް އަދި އެޖެންޑާއެއް ނުކުރެއެވެ. އިންކަމް ޓެކްސްގެ ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ.