ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއެކުވި ދެ އެއްބަސްވުން ސަރުކާރުން އުވާލުމުން ދައުލަތުން އެ ކުންފުންޏަށް ބަދަލުދޭންޖެހުނު މައްސަލާގައި، އިހުމާލުވި މީހުންނަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުންޏާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި 55 މިލިއަން ޑޮލަރު (845 މިލިއަން ރުފިޔާ) ވަނީ ދީފައެވެ.
މާލިއްޔަތު ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު ވަނީ ނޫމަޑި މައްސަލާގައި އިހުމާލުވި މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ހުށަހަޅުއްވާފައެވެ.
އަދި ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމުން ދޮގު މައުލޫމާތު ކޮމެޓިއަށް ދީފައިވާތީއާއި ނޫމަޑިއާއި ގުޅިގެން ޑރ މުއިއްޒު މާލީ މަންފާއެއް ހޯއްދަވާފައިވޭތޯ ބަލަންވެސް ކޮމެޓީން ވަނީ ފާސްކޮފައެވެ.
ޣަފޫރު ވިދާޅުވީ ނޫމަޑިއާއި އެކު ހެދި އެއްބަސްވުންތައް ބާތިލްކުރުމުން ދައުލަތަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބުނު ކަމަށެވެ.
އެހެންވީމާ އެމައްސަލާގައި، އިހުމާލުވި ފަރާތްތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޣަފޫރު ވިދާޅުވިއެވެ.
މި މައްސަލައިގައި ނޫމަޑިން ވަނީ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓު އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައެވެ.
ކޯޓް އޮފް އާބިޓްރޭޝަނަށް ޑރ މުއިއްޒު ވަނީ ބަޔާނެއް ދެއްވާފައެވެ. ޣަފޫރު ވިދާޅުވީ ސަރުކާރުން މިހާ ބޮޑު އަދަދެއްގެ ފައިސާ ދޭންޖެހުނީ ޑރ މުއިއްޒު ނޫމަޑިއާއި އެއްކޮޅަށް ބަޔާން ދެއްވައިގެން ކަމަށެވެ. އެހެންވީމާ އެބަޔާން ދެއްވީ އެމަނިކުފާނަށް އެއިން އެއްވެސް ނާޖާއިޒު ފައިދާއެއް ކުރާ ގޮތަށް އޮތުމުންތޯ ބަލަން ޖެހޭ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވީ ކޮން ހައިސިއްޔަތަކުންތޯ މުއިއްޒުއާއި ސުވާލުކުރުމުންވެސް ޖަވާބު ދެއްވާފައި ނުވާ ކަމަށެވެ.
ނޫމަޑި މައްސަލާގައި އިހުމާލުވި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފާސްވީ ކޮމެޓީގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ހުސްވި ނޮވެމްބަރު މަހު 4 ވަނަ ދުވަހު ބޭއްވި މާލިއްޔަތު ކޮމެޓީގައި މުއިއްޒު ވިދާޅުވީ ނޫމަޑިއަށް އެފައިސާ ދައްކަން ޖެހުނީ އެމަނިކުފާނު ދެއްވި ބަޔާނަކުން ނޫން ކަމަށާއި ދައުލަތަށް ގެއްލުން ވާގޮތަށް އެއްވެސް ބަޔާނެއް ޝަރުއީ ކޯޓަކަށް ދެއްވާފައި ނުވާނެ ކަމަށެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ނޫމަޑިއާއި އެކު އޮގަސްޓު މަހުގެ 25 ވަނަ ދުވަހު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ 55 މިލިއަން ޑޮލަރު ނޫމަޑިއަށް ދައްކާފައެވެ.