އުއްތަމަފަނޑިޔާރާއި ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަންކުރުމަށް ރައީސް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައި ގާޒީ ހައިލަމާއި ދެ މެޖިސްޓްރޭޓަކު ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އުއްތަމަފަނޑިޔާރުގެ މަގާމަށާއި ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް އިއްވާފައެވެ. މިގޮތުން އުއްތަމަފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވާފައިވަނީ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާންގެ ނަންފުޅެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ފޮނުއްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދުގެ ނަންފުޅެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ އަމީންއާންމު އިއްވަވައިދެއްވުމުން މަޖިލީހުގެ ރައީސް ވަނީ ދެބޭފުޅުންގެ ނަންފުޅު ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވިފައިވާކަން އިއުލާންކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ދެފަނޑިޔާރަކު އައްޔަންކުރެއްވުމަށް ރައީސަށް ފެނިވަޑައިގަންނަވާ ނަންފުޅުތައް މަޖިލީހަށް ފޮނުއްވާފައިވާއިރު ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ ތިން މަގާމެއް ހުސްވެފައެވެ. އެއީ އުއްތަމަފަނޑިޔާރަކަށް ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުންނެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ތިން މަގާމެއް ހުސްވުމުން މުއުތަސިމާއި ސުއޫދުގެ އިތުރަށް ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމާމެދު ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. ނަމަވެސް ރައޫފާ ގުޅޭ ޝަކުވާތަކެއް ޖޭއެސްސީއަށް ހުށަހަޅާފައިވާތީ އޭނައާމެދު ގޮތެއް ނިންމުން ޖޭއެސްސީން ވަނީ މަޑުޖައްސާލާފައެވެ. އެހެންކަމުން މަޖިލީހަށް ރައީސް ފޮނުއްވި ނަންފުޅުތަކުގެ ތެރޭގައި ވެސް ރައޫފުގެ ނަންފުޅެއް ނުހިމެނެއެވެ.

ސުޕްރީމް ކޯޓަށް އައްޔަންކުރާ ބޭފުޅުންގެ ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމާއި، ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އައިނާން އަލީ މުހައްމަދާއި، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާން ހުސައިން ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް އެ މައްސަލަތައް ވެސް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ގާޒީ ހައިލަމެވެ. އެ ޝަރީއަތަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން މަސައްކަތް ކުރައްވާފައިވާ ކަމަށް ހައިލަމް ވިދާޅުވެފައި ވެއެވެ. ހައިލަމް ސަސްޕެންޑްކޮށް، ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ހައިލަމް ސަސްޕެންޑްކުރީ ނަސްރުދުވަހުގެ ތަހުނިޔާ ފޮނުއްވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބަރ ގްރޫޕަކަށް ފޮނުއްވި ކާޓޫނެއްގެ މައްސަލާގައެވެ.

ހައިލަމް ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން މިހާރު ވަނީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމި ނިންމުން ރަގަޅު ކަމަށް ފާސްކޮށްފައެވެ. ކްރިމިނަލް ކޯޓު ވައިބަރ ގުރޫޕަށް ހައިލަމް ފޮނުއްވި ކުރެހުމުގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާޖަހައި ދަމާ މަންޒަރެެވެ.

ގާޒީ އަހްމަދު ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު އެ ފޮޓޯ ޝެއަރކުރެއްވި ވައިބަރ ގްރޫޕަކީ، ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖުތިމާއީ ކަންކަމުގައި މަޝްވަރާ ކުރުމަށާއި، ޚިޔާލު ބަދަލުކުރުމުގެ ގޮތުން ހަދާފައިވާ ވައިބަރ ގްރޫޕެއް ކަމަށެވެ. އެހެން ނަމަވެސް، އެ ފޮޓޯ ވައިބަރ ގްރޫޕަށް ލެއްވިއިރު އެ ފޮޓޯގައިވާ ކުރެހުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއް ހުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ހައިލަމް ވިދާޅުވެފައި ވެއެވެ. އަދި އެކަމަށް ހައިލަމް ވަނީ މައާފަށް ވެސް އެދިވަޑައިގެންފައެވެ.