ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހެއްގެ މައްޗަށް ޖިނާއީ ހުކުމުއް ކުރިނަމަވެސް އެހުކުމް ތަންފީޒުކޮށް ނިމުމުން މާލީ އިނާޔަތްތަކާއި ރައްކާތެރިކަން ލިބޭ ގޮތަށް ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ އިނާޔަތާއި ރައްކަތެރިކަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފަސްކޮށްފިއެވެ.

ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްވީ ރައްޔިތުންގެ މަޖިލީހުގެ 58 މެމްބަރުންގެ ވޯޓުންނެވެ.

ރައިސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ގާނޫނުގެ 10 ވަނަ މާއްދަގައި ކުރިން އޮންނަ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ޝަރުއީ ކޯޓަކުން ހުކުމެއް ކޮށްފައިވާނަމަ އެގާނޫނުގެ ދަށުން ލިބޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެއެވެ.

ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީން ވަނީ ބައެއް އިސްލާހުތައް ގެނެސްފައެވެ. ކޮމެޓީން ގެނައި އިސްލާހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހެއްގެ މައްޗަށް ޝަރުއީ ހުކުމެއް ކުރިނަމަވެސް އެހުކުމް ތަންފީޒުކޮށް ނިމުމުން ގާނޫނުގެ ދަށުން ލިބޭ އިނާޔަތްތަކާއި ރައްކާތެރިކަން އަލުން ލިބެން ފަށާނެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދެން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ގާނޫނަށް ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާހުގެނެސް އިނާޔަތްތައް ނުލިބޭ ގޮތަށް އޭރު ވަނީ ފާސްކޮށްފައެވެ. މި އިސްލާހު އޭރު އެގޮތަށް ފާސްކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ފާސްކޮށްފައި ވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. މި އިސްލާހު ތަސްދީގު ކުރައްވައިފިނަމަ ރައީސް ޔާމީންވެސް ހުކުމް ތަންފީޒުކޮށް ނިމުމުން އިނާޔަތްތައް ލިބިވަޑައިގަންނަވާނެއެވެ.