މެރިޓައިމް ދާއިރާއިން މީހުން ތަމްރީނު ކުރުމާއި ކޮންސަލްޓެންސީ ހޯދުމަށް ރާއްޖެއާއި ތުރުކީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ނިންމައިފިއެވެ.

މިފަދަ އެމްއޯޔޫއެއްގައި ސޮއިކުރުމަށް ނިންމުނީ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމާމެދު މަޝްވަރާކުރެއްވުމަށް މިނިސްޓަރ އައިޝަތު ނަހުލާ ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި މެރިޓައިމް ދާއިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ކަންކަމާއި، އެކަންކަން ކުރުމަށް މަގުފައިވާނެ ގޮތްތަކާމެދުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އޭގެ އިތުރަށް އެއްގަމާއި ވައިގެ ދަތުރުފަރުގެ ދާއިރާއިންވެސް އެހީތެރިކަން ހޯދުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގައި އަމަލީ ސިފަ ގެނައުމަށްޓަކައި އެމްއޯޔޫއެއްގެ މުހިއްމުކަން ދެބޭފުޅުންވެސް ފާހަގަކުރައްވައި ރާއްޖެއާއި ތުރުކީއާ ދެމެދު ދަތުރުފަތުރާއި ބެހޭ އެމްއޯޔޫއެއްގައި ސޮއިކުރަން ވަނީ ނިންމަވާފައެވެ.

މިއެމްއޯޔޫ އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މެރިޓައިމް ދާއިރާއިން މީހުން ތަމްރީނު ކުރުމާއި ކޮންސަލްޓެންސީ ހޯދުމަށް ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ތުރުކީގެ ޓްރާންސްޕޯޓް މިނިސްޓަރ މެހްމެޓް ކަހިޓް ޓުރުހަން އާއި ބައްދަލުކުރައްވާފައިވަނީ ލަންޑަންގައި މިހާރު ކުރިޔަށްދާ އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން ކުރިއަށްދާ ބައްދަލުވުންތަކުގައެވެ.

އައިއެމްއޯގެ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރ ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ތަގުރީރު ކުރައްވާފައެވެ. ދިވެހިބަހުން ކުރެއްވި މި ތަގުރީރުގައި މިނިސްޓަރ ވަނީ އިގްތިސޯދީ ގޮތުން ކުރިއެރުންތައް ހޯދާއިރު ކަނޑުތަކުގެ ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތްކުރުމަށް އިސްކަން ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް މިކަމަށް ބޮޑު އިސްކަމެއް ދެއްވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.