ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޚާއްސަ ޕްރޮގްރާމެއް ބޭއްވެވުމަށް ނިންމަވައިފިއެވެ.

ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް ބާއްވަވާ، "އާސްކް ސްޕީކަރ" ޕްރޮގްރާމް އޮންނާނީ 07 ޑިސެންބަރު 2019 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00 ގައެވެ. މިޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވަމުން ގެންދަވާއިރު މި ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ދައްކަމުންދާނެއެެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލު ވީޑިއޯ ކުރެއްވުމަށްފަހު ފޮނުވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖައްސަވާފައެވެ. އަދި ފޯނު މެދުވެރިކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅުން ނަން ނޯޓުކުރެއްވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު 06 ޑިސެންބަރު ވާ ހުކުރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.

މީގެ އިތުރަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ސޯޝަލް މީޑިޔާ ބޭނުންކޮށްގެން ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުމަށްފަހު ޕޯސްޓުކުރަމުން ގެންދިޔުމަށް މަޖިލީހުގެ އިދާރާއިން ވަނީ އެދިފައެވެ.

"އާސްކްސްޕީކަރ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބާއްވާ ލައިވް ޕްރޮގްރާމެކެވެ. މިއީ މިގޮތަށް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވާ ފުރަތަމަ ޕްރޮގްރާމެވެ.