މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް ހޭލުންތެރިކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން "މާއްދާ 29 މިވެސް ހައްގެއް" ގެ ނަމުގައި ކެމްޕެއިނެއް ފަށައިފިއެވެ.
ހޯމަދުވަހު ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިކެމްފެއިން ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ
"މާއްދާ 29 މިވެސް ހައްގެއް" ކެމްޕެއިން ފައްޓަވައިދެއްވުމަށް ފަހު މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު މާއްދާ29 ނުވަތަ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު އޮތީ ވަޅުޖެހިފައި ކަމަށެވެ. އެ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބިދޭ ހައްގުތައްވެސް ނޭގޭ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން މިގާނޫނު ތަންފީޒު ނުކުރާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެގާނޫނު ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގައި މިފެށޭ އަހަރާއިއެކު މި ގާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށް އެކަންކަން ކުރައްވާނެ ކަމަށެެވެ. އަދި ސަރުކާރުުގެ އެހެން އިދާރާތަކުންވެސް އެކަންކަން ނުވެ މިހާތަނަށް އޮތީ ކުރަން ބޭނުން ނުވާތީ ނޫން ކަމަށާއި އެކަންކަން ނުވެ އޮތީ ވަސީލަތްތައް ފަހިވެފައި ނެތުމުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ވިދާޅުވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު މޫސާ ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އެ ކޮމިޝަންގައި ތިއްބެވި ބޭފުޅުން އެގާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ކޮށްފައިނުވާ ކަމަށެވެ. އެގޮތުން މިހާތަނަށް 6000 އަށް ވުރެ ގިނަ ރިޕޯޓް އެ އޮފީހަށް ފޮނުވަންޖެހޭ އިރު، ފޮނުވާފައިވަނީ އެންމެ 702 ރިޕޯޓް ކަމަށެވެ.
"މާއްދާ 29 މިވެސް ހައްގެއް" ކެމްޕެއިން އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ފައްޔާޒުގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުރުން ދައުލަތުގެ އިދާރާތަކުގެ އިސް ބޭފުޅުންނާއި، ބައެއް މީޑިއާތަކުގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ "މާއްދާ 29 މިވެސް ހައްގެއް" ކެމްޕެއިން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ތިން މަސްދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ހޭލުންތެރިކުރުވުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ޕެނަލް ޑިސްކަޝަންތަކުގެ އިތުރުން މީޑިއާ ޕްރޮގްރާމްތައްވެސް ދެއްކުމަށް ވަނީ ނިންމާފައި ކަމަށެވެ.