ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ޓެނިސް ޓީމު އިވެންޓު މެޗުތަކުން ރާއްޖެ ބަލިވެއްޖެއެވެ.

ރާއްޖޭގެ ފިރިހެން ޓެނިސް ޓީމު ޓީމު އިވެންޓުގައި ވާދަކޮށްފައިވަނީ ބޫޓާނާއެވެ. އަދި އަންހެން ޓީމު ޓީމު އިވެންޓުގައި ބައްދަލު ކޮށްފައިވަނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއެވެ.

ފިރިހެން ޓީމު އިވެންޓުގައި ރާއްޖެއިން އެންމެ ފުރަތަމަ ކުޅެން އެރީ އަބްދުﷲ ފާއިހް ފަޒީލް (ފާއި) އެވެ. މި މެޗު ނިމުމުގެ ކުރިން ފާއި ވަނީ ލިބުނު އަނިޔާ އަކާއި ގުޅިގެން މެޗު ދޫކޮށްލައިފައެވެ. މި މެޗުގައި ފާއި ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގެ ސެޓުތައް ބޫޓާން ކުޅުންތެރިޔާ ގެންދިޔައީ 6-7 އަދި 5-5 އިންނެވެ.

ފިރިހެން ޓީމު އިވެންޓުގެ ދެވަނަ މެޗުގައި ރާއްޖެއިން ކުޅެން އެރީ އިގްނާޒް މަންސޫރެވެ. މި މެޗުގައި ރާއްޖޭގެ އިގްނާޒް ރަނގަޅަށް ކުޅުން ނަމަވެސް ބޫޓާން ކުޅުންތެރިޔާ ވަނީ މި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ސެޓުތައް ބޫޓާން ކުޅުންތެރިޔާ ގެންދިޔައީ 2-6 އަދި 4-6 އިންނެވެ.

ޓީމު އިވެންޓުގެ ފަހު މެޗުގައި ރާއްޖޭގެ އިގްނާޒް މަންސޫރު އަދި ހުސެއިން ނާޒިފުގެ ޕެއަރ ބައްދަލުކުރި އިރު، މި މެޗު ބޫޓާން ޕެއަރ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗުގައި ރާއްޖޭގެ ޕެއަރ އިން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ. މި މެޗުގެ ސެޓުތައް ބޫޓާނުން ކާމިޔާބުކުރީ 6-4، 6-4، 7-6 އަދި 3-7 އިންނެވެ.

ޓޭބަލް ޓެނިސް ޓީމު އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން ނޭޕާލް އަތުން ބަލިވެފައިވަނީ 3-0 ގޭމުންނެވެ.

ޓީމު އިވެންޓުގައި ކުޅުނު މެޗުގައި ރާއްޖޭގެ އުއްމީދީ އަންހެން ޓެނިސް ކުޅުންތެރިޔާ އަޔާނީ މޫސާ ކަލީމް -- ފޮޓޯ: އަބީދު/ އެމްއޯސީ

އަންހެން ޓީމު އިވެންޓުގެ ފުރަތަމަ މެޗުގައި ރާއްޖޭގެ އަޔާނީ މޫސާ ޚަލީމް ނިކުތްއިރު، މި މެޗު ނޭޕާލް ކުޅުންތެރިޠާ ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި އަޔާނީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ނޭޕާލް ކުޅުންތެރިޔާ ކާމިޔާބު ކޮށްފައިވަނީ 6-4 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓުގައި އަޔާނީގެ ފަރާތުން މާކަ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. މި ސެޓު ނޭޕާލް ކުޅުންތެރިޔާ ކާމިޔާބު ކޮށްފައިވަނީ 6-0 އިންނެވެ.

ރާއްޖޭގެ ދެވަނަ މެޗު ޒެއިނާ އަބްދުލް ރަޝީދުގެ މައްޗަށް ނޭޕާލުގެ ކުޅުންތެރިޔާ ކާމިތާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ނޭޕާލް ކުޅުންތެރިޔާ ކާމިޔާބުކުރީ 6-1، އަދި 6-3 އިންނެވެ.

އަންހެން ޓީމު އިވެންޓުގެ ފަހު މެޗުގައި ރާއްޖޭގެ ރިފްގާ ޔޫސުފް ނަޖީބާއި، ހަޝްމާ ހާނިމް ބައްދަލުކުރި މެޗު ނޭޕާލްގެ ޕެއަރ އިން ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ސެޓުތައް ނޭޕާލް ޕެއަރ އިން ކާމިޔާބުކުރީ 3-6 އަދި 3-6 އިންނެވެ.

ރާއްޖޭގެ ޓެނިސް ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ އިގްނާޒް މަންސޫރް، އަލީ ފާރިސް މުހައްމަދު، އަބްދުﷲ ފާއިހް ފަޒީލް، ހުސެއިން ނާއިފް، ޒެއިނާ އަބްދުލް ރަޝީދު، މަރިޔަމް ހަޝްމާ ހާނިމް، އަޔާނީ މޫޝާ ޚަލީމް އަދި ރިފްގާ ޔޫސުފް ނަޖީބެވެ.