ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ދޮންފަނު އިންވިޓޭޝަން ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ފަތަރުންއަރާ ދަރަވަންދޫ އަތުން ކެންދޫ މޮޅުވެއްޖެ އެވެ.

މުބާރާތުގެ ކުޅުން އިއްޔެ ފެށިއިރު، މިއަދު ކުޅެފައިވަނީ ގްރޫޕް ބީގެ މެޗެކެވެ. މިއަދުގެ މެޗުން ދަރަވަންދޫ އަތުން ކެންދޫ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ދޮންފަނު ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ދަރަވަންދޫން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސާމިހު އަލީ ޝަރީފެވެ.

އެކަމަކު ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ކެންދޫން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ރަޝީދެވެ. އަދި މި މެޗުން ކެންދޫ މޮޅުވީ 78 ވަނަ މިނެޓުގައި އަބްދުﷲ ރަޝީދު ކާމިޔާބުކޮށްދިން ގޯލުންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކީ ކެންދުއަށް ދެ ގޯލް ޖަހައިދިން އަބްދުﷲ ރަޝީދެވެ.

މިއަހަރުގެ މުބާރާތް އިއްޔެ ފެށިއިރު، މި މުބާރާތް މި މަހުގެ 14 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމެވެ. އެއީ ކިހާދުއާއި ގޮއިދޫ އަދި މާޅޮހެއެވެ. ގްރޫޕް ބީގައި ހަތަރު ޓީމު ހިމެނޭއިރު، އެ ޓީމުތަކަކީ އޭދަފުއްޓާއި ދޮންފަނާއި ދަރަވަންދޫ އަދި ކެންދޫ އެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް އޭގެ މެޗެެކެވެ. މި މެޗުގައި ބައްދަލުކުރާނީ ކިހާދުއާއި ގޮއިދޫ އެވެ.