ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ކްރިކެޓް ޓީމު ބައިނަލްއަޤްވާމީ ފުރަތަމަ ކްރިކެޓް މެޗު ކުޅެފިއެވެ.

ނޭޕާލްގެ ޕޮކަހާރާގައި ކުރިޔަށްދާ އަންހެން ކްރިކެޓް މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ މުބާރާތް ބާއްވާ ނޭޕާލްގެ އަންހެން ޤައުމީ ޓީމާއި ވާދަކޮށްގެންނެވެ.

މެޗުގެ ޓޮސް ދިމާވެގެން ރާއްޖެ ގަސްތުކުރީ ކުޅެން އެރުމަށެވެ. ދިހަ އޯވަރަކަށް ކުޅޭ އިނިންގްސްގައި ރާއްޖޭގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 16 ލަނޑެވެ. މި އިނިންގްސްގައި ރާއްޖެ ޓީމަށް އެންމެ ރަނގަޅަށް ކުޅުނީ 10 ލަނޑު ހެދި އައިޝަތު ހަމްޒާ އިބްރާހިމް އާއި 4 ލަނޑު ހެދި ހަފްސާ އަބްދުﷲ އެވެ.

ޖަވާބުގައި ނޭޕާލް ކުޅެންއަރާ އެންމެ އޯވަރެއްގެ ތެރޭގައި ވަނީ 17 ލަނޑު ހަދާ މެޗު ކާމިޔާބުކޮށްފައެވެ. ނޭޕާލުން މި ލަނޑުތައް ހަދާފައިވަނީ ފުރަތަމަ އެރި ދެ ކުޅުންތެރިން ކަމަށްވާ ކާޖޮލް ސްރެޝްތާ އާއި ސިޔާ ރަނާ މަގަރް އެވެ.

މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ކްރިކެޓުގެ ގަދަބާރެއް ކަމަށްވާ ބަންގްލަދޭޝްގެ އަންހެން ޓީމާއެވެ. މި މެޗު ކުޅޭނީ ރާއްޖެގަޑިން މާދަމާ ހެނދުނު 10:15ގައެވެ.

އަންހެން ކްރިކެޓް ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ސްރީލަންކާގެ ޕަދުމާ ކަރުނަރަތުނާ އެވެ.

ފުރަތަމަ އަންހެން ގައުމީ ސްކޮޑް އެސޯސިއޭޝަނުން އެކުލަވާލާފައި މި ވަނީ ގައުމީ އަންހެން ކްރިކެޓް މުބާރާތައް ބެލުމަށް ފަހު އެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވޭތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ކުނަހަންދޫ އެވެ. ގައުމީ ސްކޮޑްގައި ހުނަހަންދޫ އާއި ފުވައްމުލަކު އަދި މާލޭ އިން މި މުބާރާތުގައި ވާދަކުރި ޓީމުތަކުގެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.

ސަރަހައްދުން ވެސް އެއްމެ ވަރުގަދަ ގައުމުތައް ހިމެނޭ ކްރިކެޓަކީ ރާއްޖޭގައި ތަރައްގީ ކުރެވޭނެ އަދި ކާމިޔާބު ކުޅިވަރަކަށް ހެދޭނެ ކަމަށް ކްރިކެޓްބޯޑާއި ސަރުކާރުން ބުނެއެވެ. އެގޮތުން ފެންވަރު ރަނގަޅު ކްރިކެޓް ސްޓޭޑިއަމްއެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.