ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާއާ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ކަތުމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ރާއްޖެއަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ރާއްޖޭގެ ސީނިއާ ޓީމުގެ މުހިއްމު ކުޅުންތެރިން ވަނީ ކުޅެފައެވެ. އެގޮތުން ކެޕްޓަން އަކްރަމް އާއި ފޭދޫ އިއްބެ އާއި ހަމްޕު ވަނީ މި މެޗު އެއްކޮށް ކުޅެފައެވެ.

ރާއްޖޭގެ ފޯވާޑް ލައިނުގައި ހިމެނޭ ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ނުރައްކާކުރި އެއް ކުޅުންތެރިއަކީ ނާއިޒް ހަސަން (ދާދު) އެވެ. އޭނާ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. ރާއްޖޭ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ރާއްޖޭގެ ކުލަބް އީގަލްސްއަށް ކުޅެމުން އަންނަ ސްރީލަންކާގެ ސީނިއާ ޓީމުގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ.

ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އަބީދު/ އެމްއޯސީ

މެޗުގެ ފުރަތަމަ ހާފުގައި ހަސަން ރާއިފް (ހަންނަ) ގިނަ ހަމަލާތަކެއް އުފެއްދިއިރު އޭނާގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން އަރުވާފައިވަނީ ރިހާާމް އަބްދުލް ޢަނީ (ބޮބީ) އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ލަންކާގެ ކުޅުންތެރިއަކަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާފައެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް ލަންކާގެ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތް ރާއްޖެއަކަށް ނުވިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޤައުމީ ކޯޗު ޕީޓާ ސެގަޓް ބުނީ ރަނގަޅުކުރަން ޖެހޭ ގިނަ ކަންކަން ފާހަގަވިކަމަށާއި ޖުމްލަކޮށް ކުޅުންތެރިން ކުޅުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ މި މެޗުގައި ތަފާތު ފެނިގެންދާނެ ކަމަށްވެސް ކޯޗު ބުންޏެވެ.

ސްރީލަންކާގެ ކޯޗު ފަކީރް ބުނީ މިއީ އެންމެ ހިތްހަމަޖެހޭ ނަތީޖާ ނޫން ކަމަށާއި ނަމަވެސް ރާއްޖެ ފަދަ ވަރުގަދަ ގައުމަކާއި ދެކޮޅަށް ކުޅުންތެރިން ވަރަށް ހިތްވަރުކުރި ކަމަށެވެ.

ޝެޑިއުލާ މެދު ޓީމުތަކުން ޝަކުވާކުރުން އިތުރުވުމުން އެންމެ ފަހުން މިއަދު ވަނީ ޝެޑިއުލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފަ އެވެ. ކުރިން ފަސް ދުވަހުގެ ތެރޭގައި ހަތަރު މެޗު ކުޅޭގޮތަށް އޮތްއިރު ރާއްޖެ އަށް ލިބެނީ ހުސްކޮށް އެންމެ ދުވަހެކެވެ. މިއަދު ގެނައި ބަދަލާ އެކު ރާއްޖެ އަށް އިތުރު ހުސް ދުވަހެއް ލިބޭނެ އެވެ.

ގޭމްސްގެ ފުރަތަމަ މެޗުގައި މިއަދު ބޫޓާން އަތުން ބަންގްލަދޭޝް ވަނީ 1-0 އިން ބަލިވެފަ އެވެ. މާދަމާ ކުޅޭ މެޗުގައި ރާއްޖެ ކުޅޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މެޗުގެ ކުޅުން ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:15 ގަ އެވެ.