ނޭޕާލްގައި މިހާރު ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ އަންހެ ވޮލީބޯޅައިގެ ތިންވަނަ ޓީމު ހޮވުމަަށް ކުޅުނު މެޗުގައި ސްރީލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވެ އަންހެން ވޮލީޓީމަށް ގޭމްސް ނިމިއްޖެއެވެ.

ނޭޕާލުގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު ތިންވަނަ ހޮވާ މެޗުގެ ފުރަތަމަ ސެޓު ލަންކާއިން ކާމިޔާބުކުރީ 13-25 އިންނެވެ. ދެވަނަ ސެޓު 25-18 އިން ކާމިޔާބުކުރި އިރު ތިންވަނަ ސެޓު ކާމިޔާބުކުރީ 25-08 އިންނެވެ.

މުބާރާތުގައި ރާއްޖެއާއި އެއް ގްރޫޕެއްގައި ހިމެނުނު ސްރީލަންކާ ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ރާއްޖެ ބަލިކޮށް ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. ނަމަވެސް ސެމީފައިނަލުގައި އެ ޓީމު ބަލިވީ މުބާރާތް ބާއްވާ ނޭޕާލް އަތުންނެވެ.

ތިންވަނަ ހޮވާ މެޗުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ؛ ހުސެއިން ވަހީދު/ އެމްއޯސީ

ސެމީފައިނަލުގައި ރާއްޖެ ބައްދަލުކޮށްފައިވަނީ ސަރަހައްދުގެ ގަދަބާރު އިންޑިއާއާއި ދެކޮޅަށެވެ. މި މެޗު ފަސޭހަކަމާއެކު އިންޑިއާ ކާމިޔާބުކުރިއިރު ރާއްޖޭގެ ކުޅުންތެރިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މިއީ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީ އިވެންޓުން ރާއްޖެ އެންމެ ދުރަށް ދިޔަ ފަހަރެވެެ. މިފަހަރުގެ ގޭމްސްއިން ރާއްޖޭގެ އަންހެން ޓީމު ސެމީފައިނަލަށް ދަތުރުކޮށްފައިވަނީ ރާއްޖެ ހިމެނޭ ގްރޫޕުން ޕާކިސްތާން ވަކިވުމާއި ގުޅިގެންނެވެ. މުބާރާތުން ޕާކިސްތާން އަންހެން ޓީމު ވަކިވީ މާލީ މައްސަލަތަކާއި ގުޅިގެންނެވެ.