ޖިންސީ ޝިކާރައަކަށްވި 13 އަހަރުގެ އަންހެން ކުއްޖާއާއި އޭނާ ވިހެއި ދަރިފުޅުގެ އިތުރުން އެ އާއިލާގެ އަނެއް ފަސް ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަަލަ ފެންމަތިވެގެން އައީ މިދިޔަ ނޮވެންބަރު މަހުގެ 22 ވަނަ ދުވަހު ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި ވަޅިން ހަމަލާދިނުމަށްފަހު ކަނޑަށް އެއްލާލި މައްސަލައިގެ ތެރެއިންނެވެ. އެގޮތުން މި ހާދިސާގައި ޒަޚަމްވި ރ.މަޑުއްވަރީއަށް އުފަން އިސްމާއީލް ހައްމާދު އުޅެނީ ކޯޓުން ބޭރުން 13 އަހަރުގެ އަންހެެން ކުއްޖާއާއި ކައިވެނި ކޮށްގެންކަން ވަނީ ހާމަވެފައެވެ. އަދި އެ ކުއްޖާގެ އާއިލާއަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ބައެއް ކަމާއި، އެ އާއިލާގެ ދެންތިބި ހަ ކުދިންވެސް އަސާސީ ހައްޤުތަކުން މަހުރޫމްވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގައި ކަމާބެހޭ އިދާރާތަކާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ސައިކޮލޮޖިކަލް ސަޕޯޓް ދިނުމުގެ މަސައްކަތުގެ އިތުރުން އެކުދިން ސްކޫލަށް ފޮނުވުމާއި އެކުދިންނަށް ދޭންޖެހޭ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ފުލުހުން މިއަދު ބުނެފައިވަނީ އެއާއިލާގައި ހިމެނޭ ހަކުދިންނާއި އަދި އުުމުރުން 13 އަހަރުގެ ކުއްޖާ ވިހެއި ދަރި ހިމެނޭގޮތަށް އެ އާއިލާއަށް ނިސްބަތްވާ ހަތް ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި މިއަދުގެ ވަގުތެއްގައި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއާއި ފުލުހުން ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އެއްއާއިލާއެއްގެ ހަތް ކުއްޖަކަށް އިހުމާލުވެފައިވާ މައްސަލަ ފުލުހުން ބަލަމުންދާއިރު ކައިވެނީގެ ބޭރުން އެކުއްޖާ ބަނޑުބޮޑުވި މައްސަލަ އާއްމު ފަރާތަކުން މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި، އަދި ކުޑަކުއްޖަކާ މެދު ގަދަކަމުން ޖިންސީގޯނާ ކުރި މައްސަލައެއްގެ ގޮތުގައި މިމައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ރ. މަޑުއްވަރީ ފެހިއަލިގޭ އިސްމާއީލް ހައްމާދު ވަނީ 30 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ މި ކުދިންނަށް އިހުމާލުވެފައިވާ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.