ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑް ހަވަނަ ފަހަރަށް އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފި އެވެ.

ފްރާންސް ފުޓްބޯލް މަޖައްލާއިން ބަލޮންޑޯ އެވޯޑު ދޭއިރު، މީގެ ކުރިން މި އެވޯޑު ދެމުން އައީ ފީފާއާ ގުޅިގެންނެވެ. މި އެވޯޑާ ފީފާއާ ވަކިވި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން ފްރާންސް ފުޓްބޯލް މަޖައްލާއިން އަންނަނީ ގަވާއިދަށް ބަދަލުގެނެސް އެވޯޑު ދެމުންނެވެ.

މިއަހަރުގެ އެވޯޑް މެސީ ހާސިލުކުރިއިރު، މި އެވޯޑް އެންމެ ގިނައިން މިހާތަނަށް ހޯދި ކުޅުންތެރިޔަކީ މެސީއެވެ. މެސީ ހަ ފަހަރަށް ބަލޮންޑޯ އެވޯޑު ހޯދިއިރު، އޭނައާ އެންމެ ވާދަވެރި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މި އެވޯޑު ފަސް ފަހަރު ހޯދާފައެވެ.

މެސީ މި އެވޯޑް މީގެކުރިން ހާސިލުކޮށްފައިވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ.

މިދިޔަ ސީޒަނުގައި މެސީ ވަނީ ސްޕެއިންގެ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފައެވެ. ބަލޮންޑޯ އެވޯޑު މެސީ ހާސިލުކުރިއިރު، ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް މިއަހަރު ހޯދީ މެސީ އެވެ.

ބަލޮންޑޯއަށް މިފަހަރު މެސީއާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެންޑައިކެވެ. ވެން ޑައިކް ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ލިވަޕޫލްއަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި އޭނާއަކީ މިދިޔަ އަހަރުގެ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މިއަހަރުގެ ބަލޮންޑޯ އެވޯޑް މެސީ ހޯދިއިރު، މިދިޔަ އަހަރު މި އެވޯޑް ހޯދީ ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ. އެކަމަކު މި އަހަރު އާއްމުކުރި އެންމެ މޮޅު 30 ކުޅުންތެރިންގެ ލިސްޓުން ވެސް މޮޑްރިޗަށް ފުރުސަތެއް ނުލިބެއެވެ.

ބަލޮންޑޯ އެވޯޑް ނައިޓް މިރޭ ޕެރިހުގައި ބޭއްވިއިރު، އެންމެ އުންމީދީ ކުޅުންތެރިއަކަށްދޭ ކޮޕާ ޓްރޮފީ މިއަހަރު ހާސިލުކުރީ މިދިޔަ ސީޒަނުގައި އަޔަކްސްއިން ވިދާލި އަދި މިހާރު ޔުވެންޓަސްއަށް ކުޅެމުން އަންނަ މަތިއުސް ޑި ލީޓް އެވެ. މިއަހަރު މުޅިން އަލަށް ވަނީ ޔާޝީން ޓްރޮފީގެ ނަމުގައި އެންމެ މޮޅު ގޯލްކީޕަރު ހޮވާ އެވޯޑު ދީފައެވެ. މި އެވޯޑު ހާސިލުކުރީި ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ އެވެ. އަދި މިއަހަރުގެ ބަލޮންޑޯ އެވޯޑް ހާސިލުކުރި އަންހެން ފުޓްބޯޅަ ކުޅުންތެރިއަކީ އެމެރިކާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މޭގަން ރެޕީނޯ އެވެ.