ނޭޕާލްގައި މިހާރުު ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރަންމެޑަލް ހޯދައިދިއެވެ.

ސާއިދު ރަން މެޑަލް ހޯދީ މިއަދު ކުރިޔަށްދިޔަ 100 މީޓަރު ދުވުމުގެ ފައިނަލްގައި ވާދަކޮށް ސަރަހައްދުގެ ވަރުގަދަ ދުވުންތެރިން ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

ނޭޕާލްގެ ދަޝަރާތް ސްޓޭޑިއަމްގައި ކުރިޔަށްދިޔަ ދުވުމުގެ އެއްވަނަ ސާއިދު ހޯދާފައިވަނީ 10.49 ސިކުންތުންނެވެ. އޭނާގެ ފަހަތުން ދުވުމުގެ ދެވަނަ ހޯދާފައިވަނީ ސްރީލަންކާގެ ބާރު ދުވުންތެރިޔާ ހިމާޝާ އީޝާން އެވެ. އޭނާ ދުވުން ނިންމާފައިވަނީ ސާއިދުގެ ފަހަތުން ކުޑަ ތަފާތަކުންނެވެ. އެއީ 10.50 ސިކުންތުންނެވެ.

ދުވުމުގެ އެއްވަނަ ހޯދުމަށްފަހު ސާއިދު އުފާފާޅުކުރަނީ-- ފޮޓޯ: އެމްއޯސީ/ ހުސެއިން ވަހީދު

ދުވުމުގެ ތިންވަނަ ހޯދާފައިވަނީ ޕާކިސްތާނުގެ ދުވުންތެރިއެކެވެ. ޕާކިސްތާނުގެ ސާމީ އުލާ މި ދުވުން ނިންމީ 10.66 ސިކުންތުންނެވެ. އޭނާގެ ފަހަތުން ދުވުމުގެ ހަތަރުވަނަ ހޯދާފައިވަނީ ވެސް ޕާކިސްތާނުގެ ދުވުންތެރިއެކެވެ.

ދަޝަރާތް ސްޓޭޑިއަމްގައި މިހާރު ކުރިޔަށްދާ އެތްލެޓިކްސްގެ 100 މީޓަރު ދުވުމުގެ ފައިނަލަށް ސާއިދު ދަތުރުކޮށްފައިވަނީ ހީޓުގެ ތިންވަނަ ހޯދައިގެންނެވެ. ސާއިދު ދުވުން ނިންމާފައިވަނީ 10.66 ސިކުންތުންނެވެ. މި ހީޓުގެ އެއްވަނަ ހޯދާފައިވަނީ ފައިނަލް ބުރުގައި ދެވަނަ ހޯދި ސްރީލަންކާގެ ދުވުންތެރިޔާ ހިމާޝާ އިޝާން އެވެ. އޭނާ ދުވުން ނިންމީ 10.51 ސިކުންތުންނެވެ.

މިއީ 2015 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ހޯދި ރަން މެޑަލްއަށްފަހު ބައިނަލްއަގްވާމީ މަލްޓި ގޭމްސްއަކުން ރާއްޖެ ލިބުނު އެންމެ ބޮޑު ޝަރަފެވެ. ރަން މެޑަލްއެވެ. މި ކާމިޔާބިއާއެކު ސާއިދު ވެގެންގޮސްފައިވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެންމެ ކާމިޔާބު އެތްލީޓުގެ ގޮތުގައެވެ.