ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވުމަށް ރުހުން ހޯދަން ރައީސް އިބްރާހިމް މުހަންމަދު ސާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މަޝްހޫރު ގާނޫނީ ވަކީލު، އަލްއުސްތާޛް ހުސައިން ޝަމީމްއަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ހުސައިން ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރަން ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޝަމީމަށް ރުހުންދޭން ފެންނަ ކަމަށް ފާސްކުރުމުގެ ކުރިން ކޮމިޓީންވަނީ ޝަމީމް ހާޟިރުކޮށް އިންޓަރވިއު ކޮށްފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން ރުހުންހޯދަން ރައީސް ސާލިހް ހުސައިން ޝަމީމްގެ ނަންފުޅު އިއްޔެ މަޖިލީހަށް ފޮނުއްވިއިރު، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ.

އެ ތިން ބޭފުޅުންނަކީ އަލްއުސްތާޛް ހުސައިން ޝަމީމްގެ އިތުރުން، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ސިވިލް ކޯޓުގެ ކުރީގެ ގާޟީ މަރްޔަމް ނިހާޔަތާއި، ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި ކޯޓުތަކުގައި ވަކާލާތުކުރައްވަމުން ގެންދަވާ ވަކީލު އަހުމަދު ޒަނީނެވެ.

ރައީސް ފޮނުއްވި ސިޓީ މަޖިލީހުގައި އިއްވުމަށްފަހު މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ޝަމީމްގެ ނަންފުޅު ފޮނުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ހ. ހިޔާމަން އަލްއުސްތާޛް ހުސައިން ޝަމީމްއަކީ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރައްވަފައިވާ ބޭފުޅެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވީ އެމަގާމުގައި އެންމެ ފަހުން ހުންނެވި އާއިޝަތު ބިޝާމް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.