ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ، އެގައުމުގެ ޕާލަމެންޓް ސަސްޕެންޑް ކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސަށް ގާނޫނުއަސާސީން ލިބިވަޑައިގެންފައިވާ ބާރުގެދަށުން ޕާލަމެންޓް ސަސްޕެންޑް ކުރެއްވީ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށެވެ. އެއީ އަންނަ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ، މިހާރު އޮތް ޕާލަމެންޓްގެ އާ ދައުރު ފެށޭ ދުވަހެވެ.

ޕާލަމެންޓް ވަގުތީގޮތުން ސަސްޕެންޑް ކުރެއްވިއިރު، ސްރީލަންކާ މިހާރު ދަތުރުކުރަމުން ގެންދަނީ އާ އިންތިޚާބަކާ ދިމާއަށެވެ. ސްރީލަންކާގެ ރައީސް ބޭނުންފުޅުވަނީ އަންނަ އަހަރުގެ މާޗްމަހު އާންމު އިންތިޚާބު ބޭއްވުމަށެވެ.

ސްރީލަންކާގައި އާންމު އިންތިޚާބު މި ބާއްވަނީ، މިހާރު ހިނގަމުންދާ ޕާލަމެންޓްގެ 5 އަހަރުގެ ދައުރު ހަމަވުމުގެ ހަމަސްކުރިންނެވެ.

ސްރީލަންކާ ޕާލަމެންޓްގެ އަޣުލަބިއްޔަތު ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޕާޓީއަށް އޮތްނަމަވެސް، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓް ސާޖިތު ޕްރެމަދާސަ ބަލިވެވަޑައިގަތުމުން ރަނިލްވަނީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވާފައެވެ. މަގާމުން އިސްތިއުފާ ދެއްވީ، ސްރީލަންކާގެ ރައްޔިތުން ގޮޓަބާޔަ ރާޖަޕަކްސަ ރައީސްކަމަށް އިންތިޚާބުކޮށް ރައީސާ ހަވާލުކުރި މަސްއޫލިއްޔަތަށް އިހްތިރާމް ކުރެއްވުމުގެ ގޮތުންކަމަށް ރަނިލް ވިދާޅުވިއެވެ.

އެގޮތުން، ޕާލަމެންޓް އިންތިޚާބު އަވަސްކުރީވެސް އާ ރައީސަށް ރައްޔިތުން ހަވާލުކުރި މެންޑޭޓްގެ ސަބަބުން، ސިޔާސީ ލީޑަރުންގެ މެދުގައި މަޝްވަރާކޮށްގެންނެވެ.

ސްރީލަންކާގެ ރައީސް ގޮޓަބާޔަ ރާޖަޕަކްސަ އުންމީދު ކުރައްވަނީ، އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ޕާލަމެންޓްގެ އަޣުލަބިއްޔަތު ލިބިވަޑައި ގަންނަވާނޭ ކަމަށެވެ. އެކަމަށް ރައްޔިތުންގެ ކިބައިންވަނީ އެދިވަޑައިގެންފައެވެ.

ސަސްޕެންޝަންގެ މުއްދަތު މަސްދުވަސްފަހުން ހަމަވެ، ޖެނުއަރީ 3 ގައި އާ ދައުރު ފެށޭއިރު، މިހާރު ހިނގަމުންދާ ޕާލަމެންޓްގެ ކޮމިޓީތަކުގެ ބޮޑެތި ބާރުތަކެއް މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖާޕަކްސަގެ ސަރުކާރަށް ކަމަށް ވެއެވެ. އެހެން ނަމަވެސް، މިހާރު އޮތް ސަރުކާރަކީ އަޣުލަބިއްޔަތު ނެތް ސަރުކާރެކެވެ.