ނުކުޅަދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ނުކުޅަދުންތެރިކަން ހުންނަ މީހުން އެކަނި ދިރިއުޅެމުންދާ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުޅެދޭ މީހުންގެ ހައްގުތަކާ ގުޅޭގޮތުން އެ ކޮމިޝަނަށް އާންމުކޮށް ހުށަހަޅާ މައްސަލަތަކުގެ ތެރޭ ނުކުޅެދުންތެރިކަން ހުންނަ ބައެއް މީހުން އަަޅާލާނެ މީހަކުނެތި ބަލިހާލުގައި އެކަނި ދިރިއުޅޭ މައްސަލަތައް ގިނަ ކަމަށެވެ.

އެފަދަ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ޚާއްސަ އެހީއަށް ބޭނުންވާމީހުންގެ މަރުކަޒުން ފުރުސަތު ލިބުމުގައިވެސް ދަތިތައް ހުރިކަން ފާހަގަ ކުރެވޭއިރު، އެފަދަ މީހުންގެ އާއިލާތަކުން އިހްމާލުވުން ގިނަކަން ފާހަގަ ކުރެވޭކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.

އެޗްއާރުސީއެމުން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތް ކުރުމާ، އެމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެގޮތުން ނުކުޅަދެންތެރިކަން ހުންނަމީހުންގެ ހައްްްޤުތައް ރައްކާތެރިކޮށްދިނުމާ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޑިސްއެބިލިޓީ ކައުންސިލާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ޤައުމީ ސިޔާސަތު ފާހަގަކޮށްލެވޭ ކަމަށެވެ.

މީގެ އިތުރުން ނުކުޅަދުންތެރިކަން ހުންނަ މީހުން ކަނޑައެޅުމާ، ދަފްތަރު އެކުލަވާލުމާ ބެލެހެއްޓުމުގެ ގަވާއިދާއި، އެފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، އެކްސެސިބިލިޓީގެ މައްސަލަތައް ހައްލުކުރުމުގެ ގޮތުން ރޭމްޕްތައް ހެދުމާއި، އަލަށް އެކުލަވާލެވުނު ބިލްޑިން ކޯޑުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ފާހަގަކޮށްލެވޭ ކަމަށްވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.