ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލި މީހުންގެ ތެރެއިން، މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް އަދި އަހުމަދު ގައިސް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ވޯޓަށް އަހާފައިވަނީ ބްރޯޑްކޮމްގެ ހުސްވެފައިވާ ހަތަރު މެމްބަރުންގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަންތަކަށް ރުހުން ދިނުމަށެވެ.

ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން، ލިސްޓްގެ އެންމެ މަތީގައި އޮތީ ސަންގު ޓީވީގެ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމެވެ. ދެވަނައަށް އޮތީ، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ގައިސްގެ ނަމެވެ. އަދި ތިންވަނައަށް އޮތީ، ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފްގެ ނަމެވެ.

ޝިފްލާގެ ނަމަށް އެހި ވޯޓުގައި 49 މެންބަރަކު ވަނީ ނުފެންނަކަމަށް ވޯޓު ދެއްވާފައެވެ.

މިއަދު މަޖްލީހުގައި ބްރޯޑްކޮމްގެ މެމްބަރުކަމަށް އައްޔަންކުރަން ނެގި ވޯޓުތަކުން ގައިސްއަށް 64 މެންބަރުން ތާއީދުކޮށް ފެންނަކަމަށް ވޯޓުދީފައިވާއިރު މަރިޔަމް ވަހީދާއަށް ލިބިފައިވަނީ 68 ވޯޓު، އަދި އަލީ ޔޫސުފަށް 66 ވޯޓު ވަނީ ލިބިފައެވެ. މިތިން މީހުންވެސް ބްރޯޑްކޮމަށް އައްޔަނުކުރަން ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ އިއްތިފާގުވެފައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބު ރައީސްއަކަށް ހުންނެވި، ފާތިމަތު ޒައިނާގެ ބަދަލުގައި ހަމަޖައްސަން ރައީސް ތިންނަމެއް މަޖިލީހަށް ފޮނުއްވި ނަމަވެސް ކޮމިޓީގައި އެއްވެސް ނަމެއް ފާސް ނުވުމުން ރެކޮމެންޑް ކޮށްފައިވަނީ އަލުން ނަންތަކެއް ފޮނުއްވަން ރައީސަށް ލަފާދެއްވުމަށެވެ.

ކޮމިޓީގެ އެ ރެެކޮމެންޑާއެކު ކޮމިޓީ ރިޕޯޓަށް މަޖިލީހުގައި ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުން ވަނީ ރިޕޯޓް ފާސްކޮށްފައެވެ.