ރާއްޖެއިން މީހުން ހަނގުރާމައަށް ފޮނުވުމުގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމާއި، ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމުގެ ތުހުމަތުގައި އަމީން ހައްޔަރުކުރީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަމީންގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށްފަހު އޭނަގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޑިސެމްބަރު 1 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އޭނަގެ މައްޗަށް ގިނަ ތުހުމަތުތަކެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާއަތްތަކާއި، ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވަން އަމަލީގޮތުން ހަރަކާތްތެރިވެ، އެކަމަށް އެހީތެރިވެދީ، ވާގިވެރިވުން ހިމެނެއެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ގޮތުން މާލީ އަދި ޓެކްނޮލޮޖިކަލް ސަޕޯޓް ދިނުމާއި، ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ އިސްފަރާތްތަކާ ގާތްގުޅުމެއް ބާއްވައި، އެފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވުން ވެސް ފުލުހުން އޭނަގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ބޮން ގޮއްވާލި މައްސަލައިގައި ވެސް ތުހުމަތުކުރެވުނު މީހެކެވެ. އެފަހަރު އޭނަ ހައްޔަރުކުރަން އިއުލާންކޮށް، އިންޓަޕޯލް މެދުވެރިކޮށް ރެޑްނޯޓިސް ވެސް ނެރުނެވެ. އޭގެ ހަތަރު އަހަރު ފަހުން 2011 ވަނަ އަހަރު އޭނަ އަތުލައިގަނެ ރާއްޖެ ގެނައި ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ. ޏ.ފުވައްމުލައް/މާދަޑު، ކަރިއްޔާވިލާ، އުމުރުން 35 އަހަރުގެ މުހައްމަދު އަމީނަކީ އެމެރިކާއިން ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމެނި މީހެކެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި އިސްކޮށް އުޅޭކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ދައުވާކުރުމަށް ފޮނުވާފައިވާއިރު މިފަދަ މީހުން ހައްޔަރުކުރުމަށް ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބިދޭގޮތަށް ދާދި ފަހުން ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެ އިސްލާހުތަކަށް އަމަލުކުރަން ފަށާފައިވާއިރު، ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި މިއީ އައު ގާނޫނުގެ ދަށުން ހައްޔަރުކުރެވުނު މިފަދަ ފުރަތަމަ މީހާއެވެ.