ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުން މަޑުޖައްސާލުމަށްފަހު އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާއަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލި ސެޓްލްމަންޓް ކޮމިޓީން، ވަނީ ދީބާޖާއަށް ބަދަލުގެ ގޮތުގައި 174 މިލިޔަން ރުފިޔާ ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ލަފާދީފައެވެ. މި ލަފައާއިއެކު ރައީސް ވަނީ ދީބާޖާއަށް ދޭންޖެހޭ ފައިސާ ދިނުމަށް ނިންމަވާފައެވެ.

މި މައްސަލަގައި އިތުރު މުރާޖަައާއަކަށް ދިޔުމަށް ފާސްވެފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.

މި މައްސަލައިގައި ބަންޑާރަނައިބު އިބްރާހީމް ރިއްފަތު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ކޮށްފައިވާއިރު ރިފްއަތު ވިދާޅުވެފައިވަނީ ދީބާޖާއަށް ބަދަލުދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް ކާމިޔާބުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ދީބާޖާއަށް ބަދަލުދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކުރުމަށް ރިފްއަތުގެ އަރިހުގައި އެދުމުގެ އިތުރުން އެ މައްސަލަ ބެލުމަށް އޭސީސީއާއި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާއަށް ބަދަލުދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑިނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.

2010 ވަނަ އަހަރު ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއިއެކު ދަތުރުފަތުރު ޚިދުމަތް ދިނުމަށް އެއްބަސްވެ އެކަން ހަވާލުކޮށްފައިވީނަމަވެސް އެ އެއްބަސްވުމުގެ ދަށުން އޭރު ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފައެވެ.

އެއްބަސްވުން ބާތިލްކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދަން ދީބާޖާ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. އެހެންކަމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިޔަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށް އެ މައްސަލަ އޭރު ވަނީ ނިންމާފައެވެ.