މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ޕެރަ ޓޭބަލް ޓެނިސް ރާއްޖެއަށް ތައާރަކޮށްފި އެވެ.

ޕެރަ ޓޭބަލް ޓެނިސް ރާއްޖެއަށް މިއަދު ތައާރަފުކޮށްފައިވަނީ މިއަދު ޓީޓީ ހޯލުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. ޕެރަ ޓޭބަލް ޓެނިސް ރާއްޖެއަށް ތައާރަފުކުރިއިރު، މިއީ މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީން ރާއްޖެއަށް ތައާރަފުކުރި ފުރަތަމަ ކުޅިވަރެވެ. މީގެ ކުރިން ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސްއިން ވަނީ ބައެއް ކުޅިވަރުތައް ރާއްޖެއަށް ތައާރަފުކޮށްފައެވެ.

ޕެރަ ޓޭބަލް ޓެނިސް ރާއްޖެއަށް މިއަދު ތައާރަފުކޮށްފައިވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާއި ގުޅުވައިގެންނެވެ.

މިއަދު އޮތް ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާއީލް ވިދާޅުވީ ޕެރަ ޓޭބަލް ޓެނިސް ރާއްޖެއަށް ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޅިވަރުގައި ބައިވެރިވެ ޓީޓީވެސް ކުޅެވޭނެ ފުރުސަތެއް ފަހިކޮށްދިނުން ކަމަށެވެ.

އަދި ޕެރަ ޓޭބަލް ޓެނިސް ތައާރަފުވެގެންދިޔައިރު، މި ކުޅިވަރުން ކުޅުންތެރިން ތަމްރީނުކުރުމާއި ބޭރުގެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތައް އެބަހުރި ކަމަށާއި، އެގޮތުން އަންނަ އަހަރު ސްވިޑްންގައި އޮންނަ ޕެރަލިމްޕިކް ގޭމްސްގެ ޓީޓީ އިވެންޓަށް ކޮލިފައިވުމަށް މަސައްކަތްކުރާނެ ކަމަށްވެސް ބުންޏެވެ.

ޕެރަ ޓޭބަލް ޓެނިސް ރާއްޖެއަށް ތައާރަފުވެގެންދިޔައިރު، ދާދި ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އަދި ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް ގުޅިގެން ބްލައިންޑް ފުޓްބޯޅަވެސް ވަނީ ރާއްޖެ އަށް ތައާރަކޮށްފައެވެ.

އަދި ރާއްޖޭގެ ސްޕެޝަލް އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި އަންނަނީ ރަނގަޅު ވަނަތަކެއް ހޯދަމުންނެވެ. އެގޮތުން މިއަހަރު އަބޫދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްގައި ނިއު ނޭޝަންސް ކެޓަގަރީގެ އަންހެނުންގެ 100 މީޓަރު ދުވުމުން ރާއްޖޭގެ ޝިފްނާ އިބްރާހިމް ވަނީ ރަން މެޑަލް ހޯދާފަ އެވެ. މިއީ މިފަދަ ބޮޑު މުބާރާތަކުން ރާއްޖެއަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އަދި މި ގޭމްސްގައި ރާއްޖޭގެ ވަސްމީ ވަހީދު ވަނީ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދާފައެވެ.

މީގެ އިތުރަށް މިއަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސްގެ ޕެރަ ކެޓަގަރީގެ 100 މީޓަރު ދުވުމުން ރާއްޖޭގެ މުހައްމަދު މާޒިން ލޯ މެޑަލް ހޯދިއިރު، ދާދި ފަހުން ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް އޭޝިއަން ޔުނިފައިޑް ބެޑްމިންޓަން ޗެމްޕިއަންޝިޕުން ރާއްޖޭގެ އެތުލީޓުން ވަނީ ލޯ މެޑަލް ހޯދާފައެވެ.