ސްޓޭޖްތައް މަތީގައި ވާހަކަދައްކައިގެން މިއަދު ނިންމައިލެވެން ނެތް ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަގީގީ މާނައިގައި ކަންތައްތައް ކޮށްދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރިވެލި މައުރަޒު 2019" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރިވެލި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނާއިބުރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރަށްރަށުގައި ތިބި ޚާއްސަ އަޅާލުމާއި، ޚާއްސަ ލޯތްބާއި، އެހީތެރިކަން ބޭނުންވާ މީހުންނަށް ޚާއްސަ އަހަންމިއްޔަތެއްދީ އެމީހުންނަށް ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ. އަބަދުވެސް ސަރުކާރުތަކުން އަންނަނީ މިފަދަ މީހުންނަށް ކަންތައްތަކެއް ކޮށްދެމުން ކަމަށާއި ނަމަވެސް މިހާރު އާދެވިފައި ތިބި ހިސާބުން އިތުރަށް ކުރިއަށް ދިއުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ރަށްތަކުގައި ތިބެގެން ފަސޭހަކަމާއެކު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރު ފަރުވާއާއި ހުނަރު ދެވޭނެފަދަ ގޮތްތައް ފަހިކުރުން ކަމަށެވެ.

މިއަދު އަޅުގަނޑުމެންނަށް ސްޓޭޖްތައް މަތީގައި ހަމައެކަނި ވާހަކަ ދައްކައިގެން ނިންމައިލެވޭކަށް ނެތް. މިއަދު އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ފުށުންވެސް ދައްކުވައިދޭންޖެހެނީ، ޢަމަލީގޮތުން އަޅުގަނޑުމެންނަށް އަނެކާގެ ޙަޔާތަށް، އަނެކާގެ ދިރިއުޅުމަށް، ވަކިން ޚާއްޞަކޮށް، މުޖުތަމަޢު ތެރޭގައި ތިބި، އަޅުގަނޑު ދަންނަވާނީ، މިއީ ވަރަށް ހިތްވަރުގަދަ ބަޔެކޭ. އަދި އެއަށްވުރެ ހިތްވަރުގަދައީ އަޅުގަނޑު ދަންނަވާނީ، އެކުދިންގެ މައިންބަފައިންނޭ. އެހެންވީމާ، މި ފަރާތްތަކަށް އަޅުގަނޑުމެން ޙަޤީޤީ މާނައިގައި ކަންތައްތަކެއް ކޮށްދޭން އެބަޖެހޭ.
ނާއިބުރައީސް ފައިސަލް ނަސީމް

ފައިސަލް ވިދާޅުވީ ތައުލީމީ ނިޒާމުގެ ތެރެއިންވެސް، ރާއްޖޭގެ ސްކޫލްތަކުގައި މި ކުދީންނަށް އެކިއެކި ތަމްރީނާއި، ފަރުވާދެވޭނެފަދަ ގޮތްތަކަށް ތަފާތު އެކި މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި 214 ވަރަކަށް ސްކޫލް ހުރިއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ޚާއްސަ މަސައްކަތްތަކެއް ކުރިއަށްވުރެ ބޮޑަށް ސަމާލުކަން ދެވިގެން އެޑިޔުކޭޝަން މިނިސްޓްރީން ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ރިވެލި މައުރަޒާ ގުޅޭގޮތުން ނާއިބުރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ހަގީގަތުގައިވެސް ހުނަރުވެރި ބައެއް ކަމަށާއި އެކަން މައުރަޒުން ވެސް ފެނިގެންގޮސްފައިވާ ކަމަށެވެ. އެކުދިންނަށް މިފަދަ އިތުރު ފުރުސަތުތައް ތަނަވަސްކޮށްދޭން ޖެހޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

ރާއްޖޭގެ ރަށްތަކުގައި ތިބެގެންވެސް، ފަސޭހަކަމާއެކު ފަރުވާތައް އިތުރަށް ލިބޭނޭ ވަސީލަތްތައް ގާއިމުކޮށް، އެ ކަންތައްތަކުގައި އަޅުގަނޑުމެން މެދުކެނޑުމެއްނެތި މަސައްކަތް ކުރާނަމޭ. އަޅުގަނޑަށްވެސް، އާދެ، މިނިސްޓަރ ވިދާޅުވިގޮތަށް ހަމަ ވަރަށްބޮޑަށް މި ކަންތައްތައް އިޙްސާސް ކުރެވޭ. ވަރަށް ގާތުން އިޙްސާސް ކުރެވޭ. އާދެ، މައިންބަފައިންގެ ނުވަތަ މަންމައެއްގެ ވަކިން ޚާއްޞަކޮށް، މިކަމުގައި އެ ހިތްވަރުގަދަކަމާއި، ކުރަންޖެހޭނެ އެ މަސައްކަތްތަކަކީ އެއީ އަޅުގަނޑަށްވެސް ހަމަ ވަރަށް ގާތުން ފެންނަ ކަންތައްތަކެއް.
ފައިސަލް ނަސީމް

ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުން ވެސް މިފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނާއިބުރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. ކުންފުނިތަކުން މިފަދަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ ސަރުކާރުން ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ކުރިއަށް އޮތް ތަނުގައި ފަހިކޮށްދޭނެ ކަމަށެވެ.

މި ކުދީންނަށް މުޖުތަމައުތެރޭގައި އާދެ، ހުރިހާ ކަމަކަށްވެސް، އަޅުގަނޑުމެންނެކޭ އެއްފަދައިން ވާސިލުވުމުގެ ފުރުޞަތުތައް އަޅުގަނޑުމެން ހޯދައިދޭން އެބަޖެހޭ. ޚިދުމަތްތައްދޭ ފަރާތްތަކަށާއި، މިސްކިތްތަކަށާއި، އޮފީސްތަކަށާއި، ފެރީތަކަށާއި، އެނޫން ތަންތަނަށްވެސް ފަސޭހަކަމާއެކު ދެވޭނޭ ގޮތްތައް އަޅުގަނޑުމެން މެދުވެރިކުރަން އެބަޖެހޭ. އެއްވެސް ކަމަކުން ބާކީނުކޮށް އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކުރުން އެއީ މިއަދު އަޅުގަނޑުމެންގެ މި ސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެ ބޮޑު ވައުދަކަށް ވެގެންދަނީ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

އާޓް ގެލަރީގައި ކުރިއަށްދާ ރިވެލި މައުރަޒަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލުމުގެ މަގުސަދުގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ބާއްވާ މައުރަޒެކެވެ. މައުރަޒު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މައުރަޒުން ފާހަގަކޮށްލެވުނު ބައެއް ތަކެތި ބައިވެރިކުރި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ.