ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ވަކި ވަކި ހިދުމަތްތަކަށް ހާއްސަ ސެންޓަރުތަކެއް ގާއިމްކުރުމަށް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ގެންނަން ނިންމާފައިވާ ބޮޑު ބަދަލާއެކު 2020 ވަަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކައުންޓް ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. ބީއެމްއެލްއިން ބުނީ މި ސެންޓަރުތައް މެދުވެރިކޮށް ޕާސަނަލް ބޭންކިންގ ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ މި ފެށިގެންދާ އައު އަހަރާއެކު މުޅިން އަލަށް ޑިޖިޓަލް ބްރާންޗެއްވެސް މަޖީދީމަގުގައި ހުޅުވަން ނިންމާފައިވާ ކަމަށެވެ. މި ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާ ސެންޓަރަކަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މި ބަދަލާއެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް 2 ފެބްރުއަރީ 2020 ފެށިގެން މެދުކަނޑާލާނެ ކަމަށް ބީއެމްއެލްއިން ވަނި ބުނެފައެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އަންނަ އަހަރުން ހުޅުވަން ނިންމާފައިވާ އާ އެކައުންޓް އޯޕަނިން ސެންޓަރާއި، ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޓިމް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ ކައުންޓަރުން ފޯރޮކޮށްދެވޭ ފައިސާގެ މުއާމަލާތްތައް ނުހިމެނޭ އެހެން ހުރިހާ ހިދުމަތެއް އަލަށް ހުޅުވިގެންދާ އެކައުންޓް އޯޕަނިންގ ސެންޓަރާއި، ލޯން ސެންޓަރާއި، އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމާ ސާރވިސް ސެންޓަރާއި ބިސްނަސް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބީއެމްއެލްއިން ބުނެއެވެ.