ބ. އަތޮޅުގައި ބާއްވާ އެންމެ ފޯރިގަދަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ކަމަށްވާ ދޮންފަނު އިންވިޓޭޝަން ކަޕްގެ ފެށުން ގޮއިދޫން ރަނގަޅުކޮށްފި އެވެ.

މުބާރާތުގައި މިއަދު ގްރޫޕް އޭގެ ފުރަތަމަ މެޗު ކުޅުނުއިރު، މިއަދުގެ މެޗުން ގޮއިދޫ މޮޅުވީ ކިހާދޫ އަތުން 3-2 އިންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޮއިދޫން ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. މެޗުގައި އެޓީމުން ލީޑު ނަގާފައިވަނީ 16 ވަނަ މިނެޓުގައެވެ. މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަފާފެވެ. އަދި 33 ވަނަ މިނެޓުގައި އިބްރާހީމް ނާފިޒު ވަނީ ގޮއިދުއަށް ލީޑު ފުޅާކޮށްދީފައެވެ. ގޮއިދޫގެ ތިންވަނަ ގޯލް 43 ވަނަ މިނެޓުގައި ޖެހީ ދެވަނަ ގޯލުވެސް ކާމިޔާބުކުރި ނާފިޒެވެ.

ފުރަތަަމަ ހާފުގައި ގޮއިދޫން ތިން ގޯލުގެ ލީޑެއް ނެގި ނަމަވެސް، ދެވަނަ ހާފުގައި ކިހާދުން ވަނީ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަކޮށްފައެވެ. އެޓީމުގެ ފުރަތަމަ ގޯލް 65 ވަނަ މިނެޓުގައި ހުސެއިން ހަނާން ޖަހައިދިންއިރު، ދެވަނަ ގޯލް 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖިދު ރަޝީދެވެ.

މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫގެ އަލީ ޖަޒްލާން އެވެ.

މިއަހަރުގެ މުބާރާތް މި މަހުގެ އެއްވަނަ ދުވަހު ފެށިއިރު، މި މުބާރާތް މި މަހުގެ 14 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ދޮންފަނު ފުޓްބޯޅަ ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މި ފަހަރު ޖުމްލަ ހަތް ޓީމަކުން ވާދަކުރެއެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ ތިން ޓީމެވެ. އެއީ ކިހާދުއާއި ގޮއިދޫ އަދި މާޅޮހެއެވެ. ގްރޫޕް ބީގައި ހަތަރު ޓީމު ހިމެނޭއިރު، އެ ޓީމުތަކަކީ އޭދަފުއްޓާއި ދޮންފަނާއި ދަރަވަންދޫ އަދި ކެންދޫ އެވެ.

މުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ މެޗެެކެވެ. މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި ކެންދޫ އެވެ.