ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުން ރާއްޖެ ލޯ މެޑަލް ހޯދައިފިއެވެ.

ރާއްޖެ ލޯ މެޑަލް ހޯދާފައިވަނީ ޓީމު އިވެންޓުގެ ސެމީފައިނަލުގައި ލަންކާ އަތުން ބަލިވުމުންނެވެ. ރާއްޖޭގެ މައްޗަށް ލަންކާ ކުރިހޯދާފައިވަނީ ސީދާ ތިން ގޭމުންނެވެ.

ފުރަތަމަ ގޭމުގައި ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ވާދަކޮށްފައިވަނީ ލަންކާގެ އެރެންޑީ އެވެ. މި މެޗު އޭނާ ކާމިޔާބުކޮށްފައިވަނީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު ލަންކާގެ ކުޅުންތެރިޔާ ކާމިޔާބުކުރީ ފަސޭހަކަމާއެކުގައެވެ. އެއީ 4-11 އިންނެވެ. ދެވަނަ ސެޓުގެ ބޮޑުބައި ދީމާ ލީޑުގައި އޮތްނަމަވެސް ލަންކާ ކުޅުންތެރިޔާ ވަނީ ފަހަތުން އަރާ ދީމާގެ މައްޗަށް ކުރިހޯދާފައެވެ. މި ސެޓު އެރެންޑީ ކާމިޔާބުކުރީ 12-10 އިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ތިންވަނަ ސެޓު ދީމާ ކާމިޔާބުކުރީ 12-14 އިންނެވެ. މެޗުގެ ފަހު ސެޓު ލަންކާގެ އެރެންޑީ ކާމިޔާބުކުރީ 13-11 އިންނެވެ.

ދެވަނަ ގޭމުގައި އައިޝަތު ރަފާ ނާޒިމް ކުޅެން ނިކުތީ ލަންކާގެ އިޝާރާ އާއި ދެކޮޅަށެވެ. މި މެޗު އިޝާރާ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު އިޝާރާ ކާމިޔާބުކުރީ 11-6 އިންނެވެ. ދެވަނަ ސެޓުގައި ރަފާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު ރަފާ ކާމިޔާބުކުރީ 10-12 އިންނެވެ. ނަމަވެސް މެޗުގެ ފަހު ދެ ސެޓުގައި ރަފާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. މި ދެ ސެޓު އިޝާރާ ކާމިޔާބުކުރީ 11-3 އަދި 11-6 އިންނެވެ.

ޓީމު އިވެންޓުން ލޯ މެޑަލް ހޯދި އަންހެން ޓީޓީ ޓީމުގެ ކުޅުންތެރިން-- ފޮޓޯ: އަބީދު/ އެމްއޯސީ

ފަހު ގޭމުގައި ރާއްޖޭގެ ލައިޝާ ފަތުހުﷲ ކުޅެން ނުކުތީ ލަންކާގެ ޕުސީލާ އާއި ދެކޮޅަށެވެ. މި މެޗު ޕުސީލާ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު މޮޅު ކުޅުމަކާއި އެކު ލައިޝާ ކާމިޔާބުކުރި އިރު މި ސެޓު ލައިޝާ ކާމިޔާބުކުރީ 10-12 އިންނެވެ. ނަމަވެސް ލައިޝާގެ މައްޗަށް ޖެހިގެން އައި ތިން ސެޓުގައި ޕުސީލާ ވަނީ ކުރި ހޯދައިފައެވެ. މި ތިން ސެޓު ޕުސީލާ ކާމިޔާބުކުރީ 11-6، 11-8 އަދި 11-4 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޓީޓީ ކޯޗު އިބްރާހީމް ޝިއުރީ ބުނީ ދީމާގެ މެޗު ކާމިޔާބު ކުރަން ދެ ސެޓު ލިބުން ކަމަށާއި ނަސީބު ކަން ދިމާވި ގޮތުން އެކަން އެހެން ނުވީ ކަމަށެވެ. މީގެއިތުރުން ޝިއުރީ ބުނީ މިއީ ރާއްޖޭގެ ޓީޓީ އަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

ރަފާ ބުނީ ސެމީގައި ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރަނގަޅު ވާދައެއް ކުރެވުނު ކަމަށާއި ކުރިޔަށް އޮތް ތަނުގައި މިއަށް ވުރެ ރަނގަޅު ކާމިޔާބީ އެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ. ގައުމީ ޗެމްޕިއަން ދީމާ ބުނީ މި މުބާރާތުން ރަނަގަޅު މެޗް އެކްސްޕީރިއަންސް އެއް ލިބުނު ކަމަށާއި މެޗުތަކުގައި ރާއްޖޭގެ ކުޅުންތެރިން ރަނގަޅަށް ކުޅުނު ކަމަށެވެ.

ޓޭބަލްޓެނިސް އިވެންޓުގައި ކުރިޔަށް ދެން އޮތީ ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ނޮކައުޓް މެޗުތަކެވެ.