ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭން ވާދަކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

ނޭޕާލްގެ ޕޮކަހަރާ ސިޓީގެ ފުޓުބޯޅަ ގްރައުންޑުގައި މިއަދު ހަވީރު ރާއްޖޭގެ އަންހެން ޓީމުން ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމު، އިންޑިއާއާ ވާދަކޮށް ބަލިވީ 0-5 ގެ ނަތީޖާ އަކުންނެވެ.

މިފަހަރުގެ މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެއާއި މުބާރާތް ބާއްވާ ނޭޕާލް އަދި އިންޑިއާގެ އިތުރުން ސްރީލަންކާއެވެ. ހަތަރު ގައުމަކުން ވާދަކުރާތީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މެޗު ފެށިގެން ހަވަނަ މިނަޓުގެ ތެރޭގައި އިންޑިއާއިން ވަނީ ގޯލުޖަހައި ލީޑު ނަގާފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ދަންގްނޭ ގްރޭސްއެވެ. އިންޑިއާގެ ގޯލާއެކު ރާއްޖެއިން ކުޅެން ރަނގަޅުކޮށް އިންޑިއާއިން ކުޅެމުން ދިޔަ އަވަސް ކުޅުން ހުއްޓުވުމަށް މަސައްކަތް ކުރިއެވެ. އިންޑިއާއިން ޖެހި ދެވަނަ ގޯލު 26 ވަނަ މިނިޓުގައި އެ ޓީމުން ޖެހި އިރު ތިންވަނަ ގޯލު ޖެހީ 35 ވަނަ މިނިޓުގައެވެ.

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޝަރުހާން/ އެމްއޯސީ

މިއަދުގެ މެޗުގައި ރާއްޖޭގެ ގޯލްކީޕަރު އައިމިނަތު ލީޒާއާއި ކެޕްޓަން ފާތިމަތު ސާލިޔާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އިރު އިންޑިއާއިން ލީޑު އިތުރަށް ފުޅާ ކުރި މެޗު ނިމެން ދަނިކޮށް 87 ވަނަ މިނެޓާއި 89 ވަނަ މިނެޓުގައެވެ.

މެޗަށްފަހު މީޑިއާތަކާއި ވާހަކަދައްކަމުން އަންހެން ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ބޮޑު ދަތުރެއް ކުރުމަށްފަހު ހަމަނުޖެހި އުޅެނިކޮށް މެޗެއް ކުޅެން ޖެހުމުން އުނދަގޫވި ކަމަށެވެ. މިއަދުގެ މެޗަށް ކުޅުންތެރިންގެ ފިޓްނެސް ހުރީ އެންމެ އެކަށީގެންވާ ލެެވެލްގައި ނޫންކަމަށް ނާދު ވަނީ ފާހަގަ ކޮށްފަ އެވެ.ނާދު ވަނީ މެޗު ކުޅުނު ދަނޑާއި ޗޭންޖިންގް ރޫމްގެ ހާލަތު ވަރަށް ދެރަކަމަށް ބުނެފައެވެ. އަދި މިއީ އަންހެން ކުދިންނަށް މެޗު ކުޅެވޭނެ ގޮތަކަށް އިންތިޒާމް ކުރެވިފައިވާ މުބާރާތެއް ނޫންކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޝަރުހާން/ އެމްއޯސީ

އަންހެން ފުޓުބޯޅަ ޓީމު ނޭޕާލްއަށް ދިގު ދަތުރަކަށްފަހު އިއްޔެ އާދެވުނު އިރު ކަތަމަންޑޫއިން މުބާރާތް އޮންނަ ޕޮކަހަރާ ސިޓީއަށް އާދެވުނީ ހަތް ގަޑިއިރުގެ ބަހުގެ ދަތުރަކަށް ފަހު ރޭގެ ވަގުތެއްގައެވެ.

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ މިދިޔަ މާޗް މަހު ނޭޕާލުގެ ބިރާތުނަގަރުގައި ކުޅުނު ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގައި އިންޑިއާއާއި ލަންކާއާ ވާދަކޮށް ބަލިވެ ރާއްޖެ ގްރޫޕް ސްޓޭޖުން ކެޓީއެވެ.