ރައްޔިތުންގެ މަޖިލީހުން، ސަރުކާރުގެ ބާރުތަކުގެ ތެރެއަށް ވަދެ، ބައެއް ބާރުތައް މަޖިލީހަށް ބަދަލުކުރަމުން ގެންދާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފައި މިވަނީ ކައުސިލަރުންނާއި މޭޔަރުން މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިސްލާހު ހުށަހަޅާފައިވާތީއެވެ.

އެކަމާ ގުޅިގެން އުމަރު ނަސީރު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުން ކައުންސިލް މެމްބަރުން ވަކިކުރެވޭ ގޮތް އޮތުމަކީ އެއްވެސް ގައުމެއްގައި އެކަން އޮންނަ ގޮތް ނޫން ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ހިންގުމުގެ ފަށަލައެއް ކަމަށާއި އެއީ ސަރުކާރުގެ ބައެއް ކަމަށެވެ.

ކައުންސިލުތައް ޒިންމާދާރު ކުރުވަނީވެސް، އަދި ކައުންސިލުތަކުން ޖަވާބުދާރީވާންވެސް ޖެހޭނީ ސަރުކާރަށް ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެެވެ.

ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުންސިލަރުންނާއި މޭޔަރުން ވަކިކުރެވޭގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަކީ މިހާރުގެ ދައުލަތުގެ ތެރޭގައި އޮތް "ޑަބަލް ސްޓޭޓް" ހާމަކޮށްދޭ މިސާލެއް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ ސިއްރު ވޯޓަކުން ކައުންސިލުތަކުގެ ރައީސުންނާއި ސިޓީ ކައުންސިލުތަކުގެ މޭޔަރުން އިންތިހާބުކުރަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ 69 މެމްބަރުންގެ ވޯޓާ އެކުއެވެ.

އެ ބަދަލާއެކު ކައުންސިލް ރައީސުންނާއި ސިޓީ މޭޔަރުން އަދި ނައިބުން ހޮވާނީ އެ ކައުންސިލެއް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓުންނެވެ. މިހާރު އޮންނަ ގޮތުން ނަމަ މޭޔަރުންނާއި ކައުންސިލް ރައީސުން އަދި އެމީހުންގެ ނައިބުން ހޮވަނީ އެ ކައުންސިލެއްގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.