އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޭޓް ޖަމާއަތުގެ ގޮތްޕަކާ ގުޅި، އެގައުމަށް ދިޔަ ދިވެއްސެއްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ، 21 އަހަރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ އަފްޣާނިސްތާނުގެ ކޯޓުން ހުކުމްކުރީ ކ. މާލެ، ހ. މޫންލައިޓްވެލީ އަލީ ޝާފިއުގެ މައްޗަށް ކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޝާފިއު އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއް ކަމަށާއި އޭނާ އަކީ އެފަދަ މީހުންނާއެކު ގުޅުން ބާއްވާ މީހެއް ކަމަށެވެ.

ޝާފިއު، އޭނާގެ ކުރީގެ އަނބިމީހާ އަދި ދަރިން ގޮވައިގެން ސީރިއާއަށް ހަނގުރާމަ ކުރުމަށް ދިޔުމަށް ތުރުކީއަށް ފުރަން އުޅެނިކޮށް 2015 ވަނަ އަހަރުގެ ފެބްރުއަރީ ނުވަވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. ޝާފިއު އަކީ ހަތިޔާރު ގެންގުޅެ، ފޮރުވި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން ބ.ހިބަޅިދޫ ކައިރިން ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާ ގުޅުން ހުރި ބައެއް ތަކެތި، ޝާފިއުގެ އަތުން ފެނުނު ކަމަށާއި ނަމަވެސް އެ މައްސަލާގައި ސާބިތުކުރެވޭ މިންވަރަށް ހެކި ނެތުމުގެ ސަބަބުން 2016 ޖެނުއަރީ 18 ވަނަ ދުވަހު ޝާފިއު ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިދިޔަ އަހަރުގެ ޖޫން 23 ވަނަ ދުވަހު ޝާފިއުއާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިން ބޭސްފަރުވާއަށް ސްރީލަންކާއަށް ގޮސް އޮކްޓޯބަރު މަހުގެ ތެރޭގައި ލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް ޕާކިސްތާނުގެ މަގުން އަފްޣާނިސްތާނަށް އެތެރެވެފައިވާ ކަމަށެވެ.

ޝާފިއުއާއި އޭނާގެ އަނބިދަރިން އަފްޣާނިސްތާނަށް އެތެރެވުމުގެ މައުލޫމާތު ފުލުހުންނަށް ލިިބުމުން ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން ޝާފިއު ޕާކިސްތާނުގައި އުޅޭކަމުގެ މައުލޫމާތު ލިބުނު ކަމަށާއި އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޝާފިއު އޭނާގެ އަނބިދަރިންނާ އެކު އަފްޣާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތު ވެސް އިންޓަޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބުނު ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޝާފިއު އަފްޣާނިސްތާނަށް ގޮސްފައި ވަނީ އެގައުމުގައި ހަރަކާތްތެރިވާ އައިއެސްގެ ގޮތްޕެއް ކަމަށްވާ "އިސްލާމިކް ސްޓޭޓް ޚޮރަންސާ ޕްރޮވިންސް" އާ ގުޅެން ކަމަށާއި އޭނާގެ އަތުން ނެގި ޑިޖިޓަލް ޑިވައިސްއަކުން އައިއެސްގެ ޕްރޮޕެގެންޑާ އާއި ގުޅޭ ވީޑިއޯތަކެއް ފެނުނު ކަމުގެ މައުލޫމާތު ވެސް ފުލުހުންނަށް ލިބުނު ކަމަށް ބަޔާނުގައި ވެއެވެ.

ފުލުހުހުން ބުނީ ޝާފިއު އާއި އޭނާގެ އާއިލާ އަފްޣާނިސްތާނުގައި އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ދިވެހި ފުލުހުންނާއި އަފްޣާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން އެ މައްސަލަ ބެލި ކަމަށާއި އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި އަފްޣާނިސްތާނުގެ ތަންފީޒީ އިދާރާތަކާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ. ޝާފިއު އަފްޣާނިސްތާނަށް ފޮނުވުމުގައި ހަރަކާތްތެރިވި ނެޓްވޯކުގެ އިސްމީހުން އައިޑެންޓިފައިކޮށް، އެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެކަން އަފްޣާނިސްތާނު ފުލުހުންނާވެސް ހިއްސާކޮށްފައިވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ޝާފިއުގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްސަލާގައި އަފްޣާނިސްތާނުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މައްސަލަ ތަހުގީގުކޮށް، އޭނާގެ މައްޗަށް ޝަރީއަތް ހިންގައި، ޓެރަރިޒަމްގެ ކުށް ސާބިތުވެ 21 އަހަރުގެ ޖަލު ހުކުމް އިއްވާފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.