ލޯކަލް ކައުންސިލްތަކުގެ ދައުރު 5 އަހަރަށް އިތުރުކުރުމަށާއި ކައުންސިލްތަކުގެ ރައީސުންނާއި ނާއިބުރައީސުންނަކީ ސީދާ ރައްޔިތުންގެ ސިއްރުވޯޓަކުން އިންތިޚާބުކުރެވޭ ބައެއް ކަމުގައި ހަމަޖެއްސުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅުއްވާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އޮކްޓޯބަރު މަހުގެ 14 ވީ ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައެވެ. މި ބިލުގެ އިބްތިދާއީ ބަހުސް ފަށާފައިވަނީ އޮކްޓޯބަރު 22 ވީ އަންގާރަ ދުވަހުއެވެ.

ގާނޫނުއަސާސީގެ 8 ވަނަ ބާބުގެ 231 ވަނަ މާއްދާއަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވަނީ 3 އިސްލާހެއް ހުށަހަޅުއްވާފައެވެ. މިގޮތުން ފުރަތަމަ ބަދަލަކީ އަތޮޅު ކައުންސިލު އުފެދިގެންވާ ގޮތަށް އަންނަ ބަދަލެވެ. ދެވަނަ ބަދަލަކީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނާއިބުރައީސުން އަދި ސިޓީ ކައުންސިލުތަކުގައި ތިބޭ މޭޔަރުންނާއި ޑެޕިޔުޓީ މޭޔަރުންނަކީ މުޅި އެ އިދާރީ ދާއިރާއެއްގެ އެންމެހާ ރައްޔިތުންގެ ވޯޓުން އިންތިހާބުކުރެވޭ ބަޔަކަށް ވުމެވެ. ތިންވަނަ އިސްލާހަކީ އިދާރީ ދާއިރާތަކުގެ ކައުންސިލްތަކުގެ ދައުރު މިހާރު އޮންނަ ތިން އަހަރުން 5 އަހަރަށް ބަދަލުކުރުމެވެ.

މި އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުގެ ދައުރު އިތުރަށް ހަރުދަނާވެ ކައުންސިލްތަކުން ދޭ ހިދުމަތްތައް އިތުރަށް ފުޅާވެ ކައުންސިލުގެ ބާރުވެރިކަން އިތުރުވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. މި ބިލަށް ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.

މި ބިލަށް ތާއީދު ކުރައްވަމުން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިލްޔާސް ލަބީބު ވަނީ ނާއިބުރައީސުންނާއި ކައުންސިލްގެ ރައީސުން ކައުންސިލްގެ ވޯޓަކުން ހޮވާގޮތަށް ބޭއްވުމަށް އިސްލާހު ހުށަހަޅުއްވާފައެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ހައްލު ހޯދޭނީވެސް މިފަދަ ބިލެއްގެ އެހީގައި ކަމަށެވެ.

ގާނޫނުއަސާސީއަށް ހުށަހެޅުނު މި އިސްލާހުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުން ގެނައި ދެ އިސްލާހަކާއެކުއެވެ. މިގޮތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެއް އިސްލާހަކީ ބިލަށް އަމަލުކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ. ދެ ވަނަ އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލުކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ.

ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙުގެނައުމުގެ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަށް އެހި ވޯޓުގައި މަޖިލީހުގެ ރައީސް ވެސް ބައިވެރިވެވަޑައިގެން މި އިސްލާހާ އެއްކޮޅަށް ވަނީ ވޯޓުދެއްވާފައެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ. ގާނޫނުއަސާސީއަށް ގެނައި އާ ބަދަލު ރައީސް ތަސްދީގުކުރެއްވުމާއެކު އަންނަ އޭޕްރީލް މަހު ހޮވާ ކައުންސިލްތައް އިންތިހާބު ކުރާނީ ފަސް އަހަރަށެވެ.