ދެވަނަ ހާފުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫއިއްބެ) ކާމިޔާބުކުރި ގޯލާއެކު ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި ބަންގާޅާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެ އެވެ.

ނޭޕާލްގެ ދަޝްރާތް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި ރާއްޖެ ޓީމަށް ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެގެންދިޔަ އެވެ.

ލީގު އުސޫލުން ކުޅޭ މި ފަހަރުގެ ފުޓްބޯޅަ އިވެންޓުގައި ކުޅުނު ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ރާއްޖެ އޮތީ ތިންވަނައިގައެވެ. އެއް ވަނައިގައި އޮތީ ބޫޓާން އަތުން 4-0 އިން މޮޅުވި ނޭޕާލެވެ. އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ދެ ވަނައިގައި އޮތް ބޫޓާނަށް ވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. އެއީ އިއްޔެ ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވުގެން ހޯދި ތިން ޕޮއިންޓެވެ. ނޭޕާލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

މެޗުގައި ބަންގްލަދޭޝް އިން ލީޑުނަގާފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. އަރިމަތިން ރަބިއުލް އެއްލި ބޯޅައެއް އެ ޓީމުގެ ސާދުއްދީން ބޮލުން ފޮނުވާލުމުން ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަތުގައި ޖެހިފައި އެ ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ކުޅުންތެރިއެއްގެ އަތުގައި ޖެހިފައެވެ.

ބަންގާޅާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ: ހުސެއިން ވަހީދު/ އެމްއޯސީ

މެޗުގެ 38 ވަނަ މިނިޓްގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގޯލެއް ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ. ރާއްޖެ އަށް އެއްވަރުކޮށްދިނީ މެޗުގެ 70 ވަނަ މިނިޓްގައި ފޭދޫ އިއްބެ އެވެ. ހަންނަ ފެށި އެޓޭކެއްގައި ބަންގްލަދޭޝް ހާފުގެ ތެރެއިން ދާދު އަށް ލިބުނު ބޯޅަ ހިފައިގެން އައިސް އޭރިއާތެރެއިން ދިނީ ހުސްކޮށް ހުރި ފޭދޫ އިއްބެ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ހަނި އޭންގަލުން ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

ރާއްޖޭގެ ކޯޗް ސެގާޓް ބުނީ މި މެޗަކީ ވެސް މޮޅުވެވޭ ވަރަށް ފުރުސަތު ތަނަވަސްކުރެވުނު މެޗެއް ކަމަށާއި ކުޅުންތެރިންކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި ކުރިން މެޗަށް ވުރެން ޕޮޒިޓިވް އެއް ކަމަކީ ލަނޑެއް މި މެޗުގައި ޖެހުން ކަމަށާއި ދެން އޮތް މެޗުތަކަށްދާއިރު ޓީމުގެ ރޫހު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސެގާޓް ބުންޏެވެ.

މުބާރާތުގައި ދެން ރާއްޖެ ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހު މެންދުރު ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަނޑިން 12:15 ގަ އެވެ. ފަހު މެޗުގައި ނޭޕާލާއި ދެކޮޅަށް ކުޅޭނީ ހުކުރުދުވަހުގައެވެ.