ރައީސް ޔާމީންގެ ހުކުމާއި ޖުމްހޫރީ ޕާޓީގެ ލީޑަރާ ގުޅުވައިގެން ދައްކާ ވާހަކައަކީ ރައީސް ޔާމީން ނެތުމުން ޕީޕީއެމްގެ މެންބަރުން ޖޭޕީއާ ގުޅިދާނެތީ އެކަމުގެ ބިރަށްޓަކައި އަރުވާ އަޑުތަކެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގާ ސިލްސިލާ ހަރަކާތުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާގައެވެ.

ގާސިމް އިބްރާހީމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މީހުން ވެއްދުމަށް، އެކަމަށް ދައުވަތު ދިނުމަށް ބާއްވާ ސިލްސިލާ ހަރަކާތް ވަރަށް ކާމިޔާބު ކަމަށެވެ. އެކަމުގެ އަސަރާއި ޖަޒުބާތުގައި މީހުން އުޅޭނެ ކަމަށާއި އިބްރަތްތަކުން ފިލާވަޅު ހާސިލްކުރަންޖެހޭ ކަމަށެވެ. އެބަޔަކަށް ރަގަޅު ގޮތް ހޯދުމަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެސީ ތައާރަފުވެ، ސިޔާސީ ކަންކަމުގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން އޭގެ ކުރިން ވިސްނަމުންދިޔަ ވިސްނުންތައް ދޫކޮށް، ރައްޔިތުން ފުރުސަތުތަކުގެ ބޭނުންހިފަން ފަށާފައިވާ ކަމަށެވެ. އިއްޔެއާއި އިހައްދުވަހު ހުރި ފިކުރާއި ނަޒަރިއްޔާތު ބަދަލުވެ، އާރޯޝަނީކަމެއް ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ. ޑިމޮކްރެސީއާއެކު ރައްޔިތުންނާއި ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކަމެއްގެ ހެޔޮ ނަތީޖާއާ ގުޅިގެން އަބަދުވެސް ހުސް ރަގަޅު އަންނާނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. ކޮންމެ ރަގަޅަކާ ގުޅިގެން ނުބައިވެސް އަންނާނެ ކަމަށާއި އެއީ ދުނިޔޭގެ އާދަ ކަމަށް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާ ފެންނައިރު އޭގެ ތެރޭގައި ފޮނި މޭވާއާއި އަދި ފޮނި ނޫން މޭވާވެސް އަންނާނެ. އަޅުގަނޑުމެން އަޑުއަހަން ބޭނުންވާ އަޑާއި އަޑުއަހާހިތްނުވާ ކަހަލަ އަޑުތައް ވެސް އަންނާނެ. އަދި އަޅުގަނޑުމެން ބޭނުންނުވާ މަންޒަރުތައް ވެސް ފެންނާނެ، ކަންތައްތައް ވެސް ދިމާވާނެ. މިކަންކަމަށް އަޅުގަނޑުމެން ވިސްނައި ކުރިއަށްދާނެ ކަނޑައަޅާފައިވާ އަޒުމާއެކު ކުރަންޖެހޭ މަސައްކަތް ކުރަންޖެހޭނެ.
ގާސިމް އިބްރާހީމް

ގާސިމް އިބްރާހީމް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޯޓުން އިއްވި ހުކުމާއި އެމަނިކުފާނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވެސް ރައްދުދެއްވާފައެވެ. ގާސިމް ވިދާޅުވީ ފަނޑިޔާރުގޭގައި ހުކުމްކުރައްވަން އިންނެވީ އެމަނިކުފާނު ނޫން ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީ ވެސް އެމަނިކުފާނު ނޫން ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވީ ވެސް އެމަނިކުފާނު ނޫން ކަމަށެވެ. އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަވަނިކޮށް ރައީސް ޔާމީން ޝަރީއަތް ނިމެންދެން ޖަލަށްލުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އިންސާފުން ކަންކުރުމަށް ގޮވާލެއްވި ކަމަށެވެ. އަދި އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ވެސް ކަންތައްތައް ކުރައްވައި ރައީސް ޔާމީން ގެއަށް ވެސް ބަދަލުކުރެވުނު ކަމަށެވެ.

އެދުވަހު ހެޔޮހިތުން އަޅުގަނޑު ބުނިބުނުން، އަޅުގަނޑު ގަބޫލުކޮށްގެން ހުރީ ރައީސުލްޖުމްހޫރިއްޔާ އެކަން ރަގަޅަށް ކޮށްދެއްވި ކަމަށް. މިއަދު އަޅުގަނޑަށް ކޮން ހައިސިއްޔަތެއްތޯ އޮތީ އެހެން ބުނަން. އަދި އެހެން ނޫނަސް އެމަނިކުފާނު ގޭގައި ހުންނަވައިގެން ޝަރީއަތް ކުރައްވައި މިނިވަންކަމާއެކު ދަތުރުފަތުރުކުރައްވައި، ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުން ނޫން ހުރިހާ ކަމެއް ކުރެއްވުމުގެ ފުރުސަތު އޮވެގެން ފަސް ފަނޑިޔާރުންގެ ބެންޗަކުން އިއްތިފާގުން ނިންމި ނިންމުމެއް. އެއީ އަޅުގަނޑު ކުރި ކަމެއްތޯ، އަޅުގަނޑުތޯ އެތާ އިނީ.
ގާސިމް އިބްރާހީމް

ޖޭޕީގެ ލީޑަރު ވިދާޅުވީ އެމަނިކުފާނުގެ ތިމާގެ ނުވަތަ ދަންނަ މީހަކު ވެސް ރައީސް ޔާމީންގެ ޝަރީއަތް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގައި ނެތް ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ މަރުހަލާ ވެސް އަދި ކުރިއަށް އެބައޮތްކަން ގާސިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމަނިކުފާނަށް އަމާޒުކޮށް އެފަދަ ވާހަކަތަކެއް ދައްކަމުންދަނީ ކީއްވެކަން އެންމެނަށް ވެސް އެނގޭ ކަމަށާއި އެއީ އެބޭފުޅުން ވިސްނާގޮތުގައި ރައީސް ޔާމީން ނެތުމުން ޕީޕީއެމްގެ މެންބަރުން ޖޭޕީއާ ގުޅިދާނެތީ އެކަމުގެ ބިރަށްޓަކައި އަރުވާ އަޑުތަކެއް ކަމަށެވެ.

ގާސިމް ވިދާޅުވީ އަބަދުވެސް ކަންވަމުންދާ ގޮތް ރައްޔިތުންނަށް އެގޭ ކަމަށާއި ރައްޔިތުން އަމިއްލައަށް ގޮތް ނިންމާނެ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަށް ފާޑުކިޔާނެ ގޮތެއް ނޯންނާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ޖޭޕީން ކުރާ މަސައްކަތަކީ އިސްލާމްދީނާއި ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެ ޕާޓީ ބޮޑުކުރުމަށް ކުރާ މަސައްކަތުގައި ހުރިހާ ފަންތިއެއްގެ ހުރިހާ އުމުރެއްގެ މީހުން ވެސް ބައިވެރިވުމަށް ގޮވާލެއްވިއެވެ.