އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބާންލީ އަތުން ފަސޭހަކަމާއެކު 4-1 އިން މޮޅުވެ، ތާވަލުގެ ދެވަނައަށް މެންޗެސްޓާ ސިޓީ ޖެހިލިައިފި އެވެ.

ރޭގެ މޮޅާއެކު ސިޓީ ދެވަނައިގައި އޮތީ ކުޅުނު 15 މެޗުން 32 ޕޮއިންޓު ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށް 14 މެޗުން 32 ޕޮއިންޓް ވަނީ ލިބިފައެވެ. އެހެންކަމުން ލީގުގައި ވަޓްފޯޑް އަތުން މޮޅުވެގެން ދެވަނައަށް އަލުން އެރުމުގެ ފުރުސަތު ލެސްޓާއަށް އެބައޮތެވެ.

ރޭ ދަންވަރު ބާންލީގެ ދަނޑުގައި ކުޅުނު މެޗުގައި ސިޓީން ލީޑު ނަގާފައިވަނީ 24 ވަަނަ މިނެޓުގައެވެ. ޑޭވިޑް ސިލްވާގެ އެހީއާއެކު މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ޖީސޫސް އެވެ. އަދި ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖީސޫސް ވަނީ ސިޓީގެ ދެވަނަ ގޯލް ޖަހާފައެވެ.

މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 68 ވަނަ މިނެޓުގައި ރޮޑްރީ ވަނީ ސިޓީގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އަދި ސިޓީގެ ހަތަރުވަނަ ގޯލް 87 ވަނަ މިނެޓުގައި ޖަހައިދިނީ އަލްޖީރިއާގެ ފޯވާޑް ރިޔާދު މާރޭޒް އެވެ. މިއީ ޕްރިމިއާ ލީގުގައި މާރޭޒް ކާމިޔާބުކުރި 50 ވަނަ ގޯލެވެ. މި މެޗުގައި ބާންލީން ޖެހި ހަމައެކަނި ގޯލް 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮބީ ބްރަޑީ އެވެ.

ލީގުގައި ރޭ ކުޅުނު މެޗުން ސިޓީ މޮޅެއް ހޯދިއިރު، މިރޭވެސް ޕްރިމިއާ ލީގުގައި މުހިންމު މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ ލިވަޕޫލް އާއި އެވަޓަން ބައްދަލުކުރާއިރު، ޗެލްސީން ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ. އަދި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމްވެސް ބައްދަލުކުރާނެ އެވެ.