ރ.އިނގުރައިދުއަށް ނިސްބަތްވާ އުމުރުން އެންމެ ހަ އަހަރުގެ ޔޫސުފް ބިން މާޒިން އަކީ ކޮންމެ މަޔަކާއި ބަފަޔަކުވެސް ލިބުމަށް އެދޭނެފަދަ ދަރިއެކެވެ. އެ ތުއްތުތުއްތު ކުއްޖާގެ މޫނުމަތިން ފެންނަ މައުސޫމްކަމަކުން ނޫނެވެ. މިއީ ރާއްޖޭގެ އެންމެ ހަގު ހާފިޒުންގެ ތެރޭގައި ހިމެނޭ، އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ކުއްޖެކެވެ.

ދޮންދޫނި ލިޓްލް ލާނާސް ޕްރީ ސްކޫލުން ޕްރީ ސްކޫލް ނިންމާލި މި ދަރިވަރު ކީރިތި ޤުރްއާން ހިތުދަސްކުރަން ފެށީ އެންމެ ދެ އަހަރުގައެވެ. އުމުރުން އެންމެ ހަ އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކޮށް ހާފިޒެއްގެ ދަރަޖަ ހޯދުމުން، ޔޫސުފަށާއި އާއިލާއަށް ހިތްވަރުދެއްވުމަށް އެކި ބޭބޭފުޅުން ގެންދަވަނީ ޔޫސުފާއި ބައްދަލުކުރައްވަމުންނެވެ. މިގޮތުން އަންގާރަދުވަހު ހަވީރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގުރޫޕްގެ ބާނީ ގާސިމް އިބްރާހީމް ވަނީ ޔޫސުފްގެ ގެއަށް ވަޑައިގެން ޔޫސުފާއި ބައްދަލުކުރައްވާފައެވެ.

ގާސިމް އިބްރާހީމް ވަނީ ޔޫސުފް ޤުރްއާން ހިތުދަސްކުރަން ކުރި މަސައްކަތް އޮޅުންފިލުއްވައި ޔޫސުފާއި ޔޫސުފްގެ ބައްޕަ މާޒިން ހުސެއިނާއި މަންމަ އުންމުހާނީ އިބްރާހީމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ގާސިމް ވަޑައިގަތީ ޚާއްސަ މެސެޖަކާވެސް އެކުގައެވެ. ގާސިމް ވިދާޅުވީ ކޮންމެ މުސްލިމް މަންމައަކާއި ބައްޕައަކު ކީރިތި ﷲ އަށް ދެއަތްއުފުލަންވީ ޔޫސުފް ފަދަ ތަރިއެއް މިންވަރުކުރައްވާތޯ ކަމަށެވެ. މާތް ﷲ ގެ ކަލާމްފުޅު ހިތުދަސްކުރުމަށްވުރެ މޮޅު ވަނައެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިލާ ފައުންޑޭޝަންގެ ފަރާތުން ގާސިމް ވަނީ ޔޫސުފަށް ހިތްވަރުދެއްވުމުގެ ގޮތުން ޚާއްސަ ހަދިޔާއެއް ވެސް ދެއްވާފައެވެ. އެ ހަދިޔާގައި ވެސް "ކޮންމެ ދިވެހި މަންމައަކާއި ބައްޕައަކު ކީރިތި ﷲ އަށް ދެއަތް އުފުލަންވީ ޔޫސުފް ފަދަ ތަރިއެއް މިންވަރު ކުރައްވާތޯއެވެ" މި މެސެޖު ހިމަނާފައި ވެއެވެ.

ގާސިމް އިބްރާހީމް ވަނީ ޤުރްއާން ކިޔެވުމުގައި ދެމިހުރުމަށް ޔޫސުފްގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ޔޫސުފްގެ މަންމައާއި ބައްޕަގެ ބުރަ މަސައްކަތަށް ތައުރީފުކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.

އަންގާރަދުވަހުގެރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި ވެސް ގާސިމް ވަނީ ޔޫސުފްގެ ވާހަކަ ދައްކަވާފައެވެ. ގާސިމް ވިދާޅުވީ ހަ އަހަރުގެ ތުއްތު ކުއްޖަކު ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ހާފިޒެއްގެ ދަރަޖަ ހޯދުމަކީ ވަރަށްވެސް އުފާވެރިކަމެއް ކަމަށެވެ. އެކުއްޖާގެ މަންމައާއި ބައްޕަ، ޚާއްސަކޮށް މަންމަ ކުރެއްވި އަގުނުކުރެވޭފަދަ މަސައްކަތަކީ ކޮންމެ މަންމައަކާއި ބައްޕައެއްގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަ އޮހޮރޭނެ ކަމެއް ކަމަށެވެ.

އެދަރިފުޅަށް އެމަންމައާއި ބައްޕަ ކުރެއްވި ޚިދުމަތަށް އައްސަރިބަހާއި ސާބަސް ރައްދުކުރަމުން، މި ދިވެހި އުންމަތުގެ ކޮންމެ މައެއް، ބަފަޔަކީ މިފަދަ ޚިދުމަތްތެރި އަދި ވިސްނުންތެރި މަންމައަކާއި ބައްޕައަކަށް ވުމަށް ނަސޭހަތްތެރިވަން.
ގާސިމް އިބްރާހީމް

ގާސިމް ވަނީ ކުޑަކުޑަ މާޒިންއަށް އުފާވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ. އަދި ތައުލީމާއި ތަރުބިއްޔަތާއި ރީތި އަޚުލާގުން ޖަރީވެ، މިއަށްވުރެވެސް ގިނަ ފުރުސަތުތައް މާޒިންއަށް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޔޫސުފް، ޤުރްއާން ހިތުދަސްކުރުމުން ނާއިބުރައީސް ފައިސަލް ނަސީމާއި އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވެސް ވަނީ ޔޫސުފާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ. އަދި ބޭރުގެ ބައެއް ބޭފުޅުން ވެސް ވަޑައިގެން ޔޫސުފާއި ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައި ވެއެވެ.

ޔޫސުފް ކީރިތި ޤުރްއާން ހިތުދަސްކުރި ނަމަވެސް އަދި ރަސްމީކޮށް ހާފިޒެއްގެ ދަރަޖަ ނުލިބެއެވެ. ޔޫސުފަށް ހާފިޒްކަމުގެ ސަނަދު ލިބޭނީ ޤުރްއާނާ ބެހޭ މަރުކަޒުގައި އޮންނަ ޚާއްސަ ކޮމިޓީއަކަށް ޤުރްއާން އެއްކޮށް ހިތުންކިޔައިދިނުމުންނެވެ. އެހެންކަމުން ޔޫސުފް މިހާރު ދަނީ ޤުރްއާން މުރާޖައާކުރަމުންނެވެ.